ސަންޖޭ ދަތު އެނބުރި އަންނަ ފިލްމަކަށް އޮމަންގް ކުމާރުގެ "ބޫމީ"
ސަންޖޭ ދަތު އެނބުރި އަންނަ ފިލްމަކަށް އޮމަންގް ކުމާރުގެ "ބޫމީ"

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު ބޮލީވުޑް ތަރި ސަންޖޭ ދަތު މިނިވަންވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އޭނާ އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުފަށަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުން ދަތުގެ އެނބުރިއައުން ފާހަގަކުރާ ފިލްމަކީ "ބޫމީ" އެވެ. މިއީ ބައްޕައަކާއި އޭނާގެ ޓީންއޭޖް ދަރިއެއްގެ ގުޅުމާ ބެހޭ ގޮތުން އުފައްދާ ފިލްމެކެވެ.

ބޮމްބޭ ޓައިމްސް އަށް ދީފައިވާ އިންޓަވިއުއެއްގައި ސަންޖޭ ދަތު ވަނީ މި ޚަބަރަކީ ތެދެއް ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އޮމަންގް ކުމާރު ޑައިރެކްޓްކުރާ "ބޫމީ"ގެ މަސައްކަތް ފެށޭތީ އޭނާ ވަރަށް އުފާވެ އެވެ. އަދި އެނބުރިއައުން ފާހަގަކުރާ ފިލްމެއް ނިންމަން އޭނާއަށް ދިގު މުއްދަތެއް ނެގިކަމަށް ވެސް ސަންޖޭ ދަތު ބުންޏެވެ.

"ސަރަބްޖީތު" އަދި "މޭރީ ކޮމް" ފަދަ ފިލްމުތައް އުފައްދާފައިވާ އޮމަންގް ކުމާރުގެ މަސައްކަތްތައް އޭނާއަށް ވަރަށް ކަމުގޮސްފައިވާ ކަމަށާއި "ބޫމީ"ގައި ދައްކުވައިދޭ ވާހަކައާ ވެސް އޭނާގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅުވާލެވޭ ކަމަށް ސަންޖޭ ދަތު ބުނެފައިވެ އެވެ.

ސަންޖޭ ދަތު ބުނި ގޮތުގައި ފާއިތުވީ ތަނުގައި ވަރަށް ގިނަ އެކްޝަން ފިލްމުތައް ކުޅުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ނަމަވެސް އެ ސްކްރިޕްޓްތަކާ އެހާ ބޮޑަށް ހިތްހަމަނުޖެހޭތީ ގަބޫލުނުކުރީކަމަށް އޭނާބުންޏެވެ.
"ބޫމީ"ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި އިންޑިއާގެ އާގްރާގަ އެވެ.

ބައްޕަ އާއި އަންހެންދަރިފުޅެއްގެ ގުޅުމަކީ ސަންޖޭ ދަތުގެ އަމިއްލަ ހަޔާތުގައިވެސް އޭނާއަށް ކުރެވިފައިވާ ތަޖުރިބާއެކެވެ. އެހާބޮޑަށް މި ފިލްމާ އޭނާ ގަޔާވީ އެ ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ ސްކްރިޕްޓާ އެހާ ހިތްހަމަނުޖެހޭތީ ފިލްމު ކުޑަކޮށް ލަސްވެފައިވާ ކަމަށެވެ.