03 ޖޫން 2021 - 10:45

ކޮވިޑް-19އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން، އެމެރިކާގެ ސަރުކާރުން ފޮނުވާ މެޑިކަލް އެހީ ރާއްޖެ އަށް ވެސް ފޮނުވާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
އެމެރިކާގެ ސަރުކާރުން މި އެހީ ފޯރުކޮށްދެނީ ގައުމުތަކަށް އެހީވާން އުފައްދާފައިވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ދަށުންނެވެ.
ޔޫއެސްއެއިޑުން ބުނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ބޭނުންވާ ކޮވިޑް-19ގެ އިމަޖެންސީ މެޑިކަލް އެހީ ފޯރުކޮށްދިނުމަށް ފަށާފައިވާ ހާއްސަ ޕްރޮގުރާމްގެ ދަށުން ރާއްޖެ އާއި ޕާކިސްތާނާއި އަދި ސްރިލަންކާ އަށް ފޮނުވާ އެހީގެ ސާމާނު ވައިގެމަގުން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
- 600 ޕަލްސް އޮކްސިމީޓަރު
- 292،000 ޕީޕީއީ ކިޓް
ކޮވިޑް-19އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން މީގެ ކުރިން ވެސް 9.1 މިލިއަން ޑޮލަރު ދީފައިވާނެ ކަމަށް ޔޫއެސްއެއިޑުން ބުނެ އެވެ. އަދި އޭގެ އިތުރުން 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައި ވާނެ ކަމަށް ބުންޏެވެ.
ޕާކިސްތާނާއި ސްރިލަންކާ އަށް ވެސް އެހީގޮތުގައި މިފަހަރު ފޮނުވަނީ ޕަލްސް އޮކްސިމީޓަރާއި ޕީޕީއީ ކިޓް ފޮނުވާނެ އެވެ. އެ ގައުމުތަކަށް ވެސް މީގެ ކުރިން އެމެރިކާ އިން އެހީ ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ނޭޕާލަށް ވެސް އިމަޖެންސީ އެހީގެ ތިން ޝިޕްމަންޓް ފޮނުވާނެ ކަމަށާއި އަދި އިންޑިއާ އަށް ހަތް ޝިޕްމަންޓެއް ފޮނުވާނެ ކަމަށެވެ.
ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދެކުނު އޭޝިއާގެ ގައުމުތަކަށް އިތުރު އެހީ ފޮނުވާނެ ކަމަށް ވެސް ބުންޏެވެ.