31 މެއި 2021 - 11:31

ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ނެތި ދިއުމުގެ ބިރު ބޮޑުވެއްޖެ ކަމަށާއި، މަސްވެރިންގެ ޝަކުވާތައް އަޑުއަހާނެ ފަރާތެއް ނެތް ކަމަށް ބުނެ، ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަސް ކުންފުނިތަކުން ބޮޑު ކަންނެލި ގަންނަ އަގު ދަށްވުމާ ގުޅިގެން، ކަންނެލި މަސްވެރިން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގައި އެދިފަ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ މިއީ ކަންނެލީގެ މަސްވެރިކަން މިހާތަނަށް އެންމެ ދަށް އަހަރު ކަމަށާއި، މަސްވެރިންގެ އަތްމަތި ހުސްވެ، އާއިލާތައް ދަރަނިވެރިވެއްޖެ ކަމަށެވެ. އަދި މި ހާލަތުގައި މަސްވެރިންގެ ޝަކުވާތައް އަޑުއަހާނެ ފަރާތެއް ނެތްތޯ ޔޫނިއަނުން ވަނީ ސުވާލުކޮށްފަ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ނާޒިމް ވިދާޅުވީ ކަންނެލީގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، އޭގެ ސަބަބުން ބައެއް ދޯނިފަހަރު މިހާރު ކަނޑު މަސްވެރިކަމަށް ވެސް ބަދަލުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ރަށްތައް މޮނިޓަރިންނަށް ލާފައިވާތީ ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރަށް މަހަށް ނުފުރި ފަޅުގައި އޮތް ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކަންނެލި ގަންނަ އަގުތައް ވަނީ މީގެ ކުރިން ދަށްނުވާ ވަރަށް ވުރެ ދަށަށް ގޮސްފައި ކަމަށާއި، އާންމުކޮށް 50ރ. އަށް ކަންނެލި ކިލޯއެއް ވިއްކަމުން އައިސް، ކޮވިޑް-19 ގެ ދުވަސްވަރު ކިލޯއެއް 5-8ރ. އަށް ވެސް ވިއްކި ކަމަށެވެ.
"މިއިން ތާރީހެއްގައި ވެސް ދަށްނުވާ ވަރަށް އަގު ދަށްވި، ކޮވިޑްގެ ދުވަސްވަރު ކަންނެލި ކިލޯއެއް ވިއްކައިފަ އެބަހުރި 5ރ. އަށް ވެސް. އެވަރަކުން ދެކޮޅެއް ނުޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ދަށްވުމާ އެއާ ފްރައިޓް ޗާޖު ބޮޑުވުމަކީ ވެސް ކަންނެލީގެ މަސްވެރިކަމަށް އަސަރުކުރި ސަބަބެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންނެލި ގަންނަ އަގުތައް ދަށްވެ، އަގުތަކަށް ބަދަލުތައް އައުމުގެ ސަބަބުން އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މަހަށް ދާން ކުރާ ހަރަދު ނުލިބޭތީ، މަސްވެރިން ބައެއް ފަހަރު މަސްވެރިކަމަށް ނުނިކުމެ މަޑުކުރަން ޖެހޭ ކަމަށާއި، ކަންނެލީގެ ބައެއް މަސްވެރިން މިހާރު ކަނޑު މަހަށް ވެސް ބަދަލުވެއްޖެ ކަމަށެވެ. އެހެންވެ، ވަރަށް ބޮޑު ހޭދައެއް ކޮށްގެން ބަނދެފައިވާ ބޮޑެތި ދޯނިފަހަރުގެ ލޯނު ވެސް ދައްކަން ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކަންނެލި ގަތުން ހަމައެކަނި އަމިއްލަ ކުންފުނިތަކުގެ އަތްމަތީގައި އޮތުމަކީ ވެސް މައްސަލަ އެކެވެ.
"ކަންނެލީގެ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެއް ހަމައެކަނި ޕްރައިވެޓް ކުންފުނިތަކުން މަސްގަތުން. ސަރުކާރުން (މިފްކޯ އިން) މަސް ނުގަތުން. އެހެންވެ ކަންނެލީގެ މަސްވެރިންނަށް އެކަށީގެންވާ އަގެއް ނުލިބޭ. ކުންފުނިތަކުން އިންތިހާ އަށް ތަފާތުކުރުން ގެންގުޅުމާއި ފިކްސްޑް އަގެއް ކަނޑައެޅިފައި ނެތުން އެއީ ވެސް ވަރަށް ބޮޑު މައްސަލައެއް."
އޭނާ ވިދާޅުވި ގޮތުގައި، އެތައް ބަޔަކު ބޮޑެތި ހޭދަކޮށްފައިވާ މި އިންޑަސްޓްރީގެ ކުރިމަގާ ދޭތެރޭ މިހާރު ވަނީ އުންމީދު ގެއްލިފަ އެވެ.