އަދިވެސް އޮތީ ވިއްސާރަ، މަޑުވާން ފަށާނީ ބުރާސްފަތި ދުވަހު
އަދިވެސް އޮތީ ވިއްސާރަ، މަޑުވާން ފަށާނީ ބުރާސްފަތި ދުވަހު

ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ވައި މަޑުވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ވައިގަދަވާނެ އެވެ. އަދި ދެކުނު ރަށްރަށަށް ވިއްސާރަކުރާނެ އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ އިރު ދެކުނުގެ ކަނޑުތައް ވެސް ވިލާގަނޑުގައި ގަދަވާނެ އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ވެސް ކުރިއަށް ވުރެ ރާއްޖެއަށް ވައި މަޑުވެފައިވާ ކަމަށެވެ. އެކަމަކު އަދި ދައްކާ ގޮތުން، އަންނަ މަހުގެ ތިން ވަނަ ދުވަހު، ވައި މަޑުވާނެ ކަމަށް ބެލެވުނަސް މިއީ ހުޅަނގު މޫސުން ކަމުން، އޭގެ ފަހުން ވެސް ދޭތެރެއަކުން މޫސުން ގޯސްވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމާއި ކަނޑުތައް ގަދަވުމުގެ އިތުރުން އުދަ އަރާފާނެ ކަމަށް ލަފާކޮށް މިވަގުތު ވެސް އޮތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 10:00 އާ ހަމައަށް ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާޅުގެ އުސްމިން 4-8 ފޫޓާ ދެމެދުގައި އުޅޭތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ އެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އެންމެން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އެދެ އެވެ.