ކޮވިޑްގައި ރޭ ފަތިހު ވެސް މީހަކު މަރުވި
ކޮވިޑްގައި ރޭ ފަތިހު ވެސް މީހަކު މަރުވި

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ރޭ ފަތިހު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ފަތިހު 5:35 ހާއިރު މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 157 އަަށް ވަނީ އަރައިފަ އެވެ. އަދި މި މަހު އެކަނިވެސް 84 މީހުން ވަނީ މަރުވެފަ އެވެ.

އިއްޔެ މިބަލީގައި ފަސް މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. އަދި ހަތަރު މީހުންނަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވެސް 24،000 އަށް ވުރެ ގިނަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް ފިޔަވަޅު އަޅާފައި ވާއިރު، މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރެއިން ހާލަތު ގޯސް ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.