29 މެއި 2021 - 10:11

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ފަސް މީހަކު އިއްޔެ މަރުވެ މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރޭ 11:38 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. މި މަރާ އެކު މިހާތަނަށް ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 156 އަށް އަރައިފަ އެވެ.
އިއްޔެ މަރުވި މީހުންގެ ތެރޭގައި 47 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގަ އެވެ. ބަލި ޖެހިފައި ތިބި މީހުންގެ އަދަދު މިހާރު ވެސް 24،000 އަށް ވުރެ ގިނަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް ފިޔަވަޅު އަޅާފައި ވާއިރު، މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރެއިން ހާލަތު ގޯސް ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.