ވެކްސިން ނުޖަހައި މާސްކް ނާޅައި އުޅެނީ އެއްބައެއް!
ވެކްސިން ނުޖަހައި މާސްކް ނާޅައި އުޅެނީ އެއްބައެއް!

މާލެ ސަރަހައްދުގައި އުމުރުން 20-29 އަހަރާ ދެމެދުގެ 39 ޕަސެންޓަކީ މީހުން ކޮވިޑް-19 ވެކްސިންގެ އެންމެ ޑޯޒެއް ވެސް ނުޖަހާ ކަމަށާއި މާސްކް ނާޅައި އާންމު ތަންތަނުގައި ވެސް މި އުމުރުފުރާގެ މީހުން ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ 20-29 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން 39 ޕަސެންޓް މީހުން މި އަހަރުގެ މިހާތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާ ނުވާއިރު ބަލިން ރައްކާތެރިވާން މާސްކް އެޅުން މަޖުބޫރުކޮށްފައި ވިޔަސް އެގޮތަށް އަމަލު ނުކުރާ މީހުންގެ ތެރެއިން އުމުރުން 20-29 އަހަރާ ދެމެދުގެ މީހުން 48 ޕަސެންޓް ހިއްސާކުރާ ކަމަށެވެ.

އެޗްޕީއޭގެ ޑޭޝްބޯޑުގައި މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދެ ވަނަ އަށް އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ އުމުރުން 21-30 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 8،515 ފިރިހެނަކަށް އަދި 5،331 އަންހެނަކަށް ކޮވިޑު ޖެހިފައި ވެ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ 1 ގަ އެވެ. މިހާތަނަށް 308،905 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 163،789 މީހުންނެވެ. ޒުވާން އުމުރުގެ މީހުންނަށް ވެކްސިން ޖަހަން ހުޅުވާލީ އެންމެ ފަހުންނެވެ. ނަމަވެސް ވެކްސިން ލިބުން ދަތިވެ މިހާރު ވަނީ ވެކްސިން ދިނުން ކޮންޓްރޯލްކޮށްފަ އެވެ.

ކޮންޓްރޯލުގައި އޮތުމަށްފަހު ބަލީގެ ހާލަތު މި ވަނީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެކްޓިވް ކޭސްތައް 24،000 އިން މައްޗަށް އަރާފައިވާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ރިކޯޑު މިންވަރަކަށް އިތުރުވެފައި ވެ އެވެ.