29 މެއި 2021 - 20:49

ލިޒްބަން (29 މެއި) - ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލިޒްބަން އިން ގަނެފައިވާ އެޕާޓްމަންޓް، އެ ސިޓީގެ ކައުންސިލްގެ ހުއްދަ ނެތި މަރާމާތު ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ރޮނާލްޑޯގެ އެޕާޓްމަންޓްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝައްކު ކުރެވުނީ، އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އިންސްޓަގްރާމަށްލީ ވީޑިއޯގައި އެޕާޓްމަންޓްގެ ބެލްކަނީގައި، ފްލޯރިންގެ އެޅުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ބަހައްޓާފައި ހުރި މަންޒަރު ފެނުމުންނެވެ.
އެ ފްލެޓްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަތޯ ސިޓީ ކައުންސިލުން ބަލާނެ އެވެ. ލިޒްބަންގެ ސިޓީ ކައުންސިލުން ބުނީ ފްލެޓް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން 2020 ވަނަ އަހަރުގެ ފަހުން ހުއްދަ ނަގާފައި ނުވާ ކަމަށެވެ.
ލިޒްބަންގެ މޭޔަރު ވިދާޅުވީ ހުއްދަ ނެތި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމަކީ، އާކިޓެކްޗަރުންނާއި އަވަށްޓެރިންނަށް ކުރެވޭ ބޭއިހްތިރާމެއް ކަމަށެވެ.
ރޮނާލްޑޯ މި އެޕާޓްމަންޓްގައި ހުސްޖާގައިގެ ގޮތުގައިވެސް 288 އަކަމީޓަރު ހުންނަ ކަމަށް ޕޯޗްގަލްގެ މީޑިއާތަކުން ބުނެ އެވެ. ލިޒްބަންގެ މަޝްހޫރު އެޑްއާޑޯ ޕާކް ފެންނަ ގޮތަށް ހުންނަ މި އެޕާޓެމެންޓް ރޮނާލްޑޯ ގަތީ 7.2 މިލިއަން ޔޫރޯ އަށެވެ. ދުނިޔޭގެ އެންމެ ބޮޑު އާންމުދަނީއެއް ލިބޭ އެއް އެތުލީޓަށް އާމްދަނީގެ ގޮތުގައި އަހަރަކު 100 މިލިއަން ޔޫރޯ ލިބެ އެވެ.