29 މެއި 2021 - 20:26

ބާސެލޯނާ (29 މެއި) - ޔޫރަޕިއަން ސުޕަ ލީގުގެ ބައިވެރިގެން، ޔޫއެފާގެ ކިބައިން އެފްސީ ބާސެލޯނާ އިން މާފަށް ވެސް ނޭދޭނެ ކަމަށާއި ޖޫރިމަނާ ވެސް ނުދައްކާނެ ކަމަށް އެ ކްލަބުގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކުން މިދިޔަ މަހު އިއުލާން ކުރި ސުޕަ ލީގުން މިހާތަނަށް ވަކި ނުވެ އޮތީ، ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑާއި ޔުވެންޓަސް އެވެ. ޔޫއޭފާއިން ވަނީ އެ ތިން ކްލަބުގެ މައްސަލަ ތަހްގީގުކޮށް ނިންމައިފަ އެވެ. މިހާރު އޮތީ ދޭނެ އަދަބެއް ކަނޑައެޅުމެވެ.
މަގާމާ ހަވާލުވެ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ލަޕޯޓާ ވިދާޅުވީ މުބާރާތެއް ބޭއްވުމުގެ ހިޔާލު ގެންގުޅެގެން މާފަށް އެދެން ނުޖެހޭނެ ކަމަށާއި ޖޫރިމަނާ ވެސް ނުދައްކާނެ ކަމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ތިން ކްލަބާ ދެކޮޅަށް ޔޫއެފާއިން ފިޔަވަޅު އަޅައިފިނަމަ، މައްސަލަ ހިފައިގެން ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އަށް ދާނެ ކަމަށެވެ. ކޯޓަށް ދަނީ މުބާރާތްތައް ބޭއްވުމުގެ މިނިވަންކަން އޮތުން ކަށަވަރު ކުރުމަށްޓަކައި ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ޓީމުގައި މަޑު ކުރާނެ ކަމުގެ ބޮޑު އުންމިދެއް އެބައޮތް ކަމަށް ލަޕޯޓާ ޕްރެސްގައި ވިދާޅުވި އެވެ. އަދި ކޯޗް ރޮނަލްޑް ކޫމަންވެސް މަގާމުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.