28 މެއި 2021 - 23:30

ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޓެސްޓްކުރާ ސާމްޕަލްތަކުން ޕޮޒިޓިވްވާ ރޭޓް މި މަހު ވަރަށް މަތީގައި ހުރުމަށް ފަހު މިއަދު ދަށަށް ޖެހިލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށް 901 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ މާލެއިން 468 މީހަކާއި ރަށްރަށުން 417 މީހަކާއި ރިސޯޓުތަކުން 11 މީހަކާއި ހަދަމުންދާ ރިސޯޓްތަކުން ހަތަރު މީހަކާއި އިންޑަސްޓްރިއަލް ރަށްތަކުން މީހެކެވެ.
މިއީ ޓެސްޓްކުރި 4،821 ސާމްޕަލުން ފެނުނު ކޭސްތަކެވެ. ޕޮޒިޓިވްވި ރޭޓަކީ 18.69 ޕަސެންޓެވެ. މިއަށް ވުރެ ދަށުގައި މި ރޭޓް މި މަހު ހުރީ މީގެ 20 ދުވަސް ކުރިންނެވެ.
މި މަހުގެ 10 ގެ ފަހުން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް 25 ޕަސެންޓަށް ވުރެ ދަށްވި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ ބަލީގެ ހާލަތު ކޮންޓްރޯލްކޮށްފައި ބާއްވަން ބަލާއިރު އެކަށީގެންވާ ވަރަށް ވުރެ މާ މަތީ ރޭޓެކެވެ. ބަލި ކޮންޓްރޯލްކުރުމުގައި އާންމުކޮށް ބަލަނީ ޕޮޒިޓިވިޓީ ރޭޓް ޕަސް ޕަސެންޓަށް ވުރެ ދަށުގައި ބެހެއްޓުމަށެވެ.
ކޮވިޑް ޖެހިގެން އެޑްމިޓްކޮށް ފަރުވާ ދޭ މީހުންގެ އަދަދު އިއްޔެ 282 ގައި ހުރުމަށް ފަހު މިއަދު ވަނީ 252 އަށް ދަށްވެފަ އެވެ. އެއީ ދޮޅު ހާހެއްހާ މީހުން ބަލިން ރަނގަޅުވުމާ އެކުގަ އެވެ. އެހެންވެ އެކްޓިވް ކޭސްތައް ވެސް އިއްޔެ 25،000 އިން މަތީގައި ހުރުމަށް ފަހު މިއަދު ވަނީ 24،818 އަށް ދަށްވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތު އިތުރުކޮށް، ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނުނިކުމެވޭ ގޮތަށް ފިޔަވަޅު އަޅާފައި ވާއިރު، މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރެއިން ހާލަތު ގޯސް ރަށްރަށުގައި ވެސް އަންނަނީ ކާފިއު ހިންގަމުންނެވެ.