28 މެއި 2021 - 16:19

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި އެންމެ ފަހުން، މިއަދު މެންދުރު ފަހު 2:14 ގައި މަރުވީ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާ އެކު މިއަދު ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. އަދި ރާއްޖޭން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 155 އަށް އަރައިފަ އެވެ.
ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް މިހާރު 1،000 އިން މަތީގައި އުޅޭއިރު، މި ވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 25،000 އިން މައްޗަށް ގޮސްފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޗްޕީއޭ އިން ވަނީ މާލޭގެ އިތުރުން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.