ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން ހުޅުމާލެ އިން އިއްޔެ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު އާއި ރޭ މެންދަމު ހިންގި އޮޕަރޭޝަންތަކެއްގަ އެވެ. މި މީހުން ހައްޔަރުކުރިކަން ކަށަވަރުކޮށްދިނުން ފިޔަވައި އެހެން މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ހުޅުމާލޭން މީހަކު ހައްޔަރުކޮށް ފުލުހުން ވަނީ ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއް ވެސް ފާސްކޮށްފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގެ ތުހުމަތަށް ހަތަރު މީހަކު ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އިއްޔެ ހައްޔަރުކުރި މީހުންގެ ތެރޭގައި ހަމަލާއާ ގުޅުން އޮތް ކަމަށް ބެލެވޭ މީހަކު ހުރި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ހަމަލާގެ ތުހުމަތަށް މީގެ ކުރިން މާލެއިން ތިން މީހަކު އަދި ބ. ދަރަވަންދޫން މީހަކު ހައްޔަރުކުރި އެވެ.

މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަޝީދަށް ހަމަލާދޭން އައިއީޑީ ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ ވެރިމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލު ގެންގޮސް ބެހެއްޓި މީހާ އާއި މި ކަންކަމުގައި އެ މީހުންނާ ބައިވެރިވެ އުޅުނު އިތުރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހަރުކަށި ފިކުރުގެ ތެރޭގައި އުޅޭ ބަޔަކަށް ވާއިރު، ހަމަލާގެ ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަތިޔާރާއި ގޮވާތަކެތި ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ހައްޔަރުކޮށް އެކި ގޮތްގޮތުން މުޖުތަމައުއަށް ދޫވެފައި ތިބި މީހުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ބޭރު ގައުމުތަކަށް ހަނގުރާމަ އަށް ގޮސް އުޅެނިކޮށް ހައްޔަރުކޮށްފައިވާ މީހުންނާއި ހަނގުރާމާގައި ބައިވެރިވުމަށް ފަހު ރާއްޖެ އައުމުން ހައްޔަރުކުރި މީހުން ވެސް ހިމެނެ އެވެ. އެކަމަކު މި މީހުންނަކީ ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުމެއް ހުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންނެއް ނޫނެވެ.

ނަޝީދަށް ދިން ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެ އޭޑީކޭ ހޮސްޕިޓަލުގައި ބޮޑެތި ސާޖަރީތަކެއް ހަދައި އަދި މިހާރު ވަނީ އިތުރު ފަރުވާ އަށް ޖަރުމަނަށް ވަޑައިގެންފަ އެވެ.