އީމާންކަމުން ލިބޭ ހިތްހަމަޖެހުމުން ބާއްޖަވެރިވެވޭ
އީމާންކަމުން ލިބޭ ހިތްހަމަޖެހުމުން ބާއްޖަވެރިވެވޭ

ދިރިއުޅުމުގައި އުފާވެރިކަން ނުވަތަ ބާއްޖަވެރިކަން ހާސިލު ކުރުމާ ގުޅޭ ގޮތުން އެމެރިކާގެ މަޝްހޫރު ޑޮކްޓަރަކު ކުރި ތަޖުރިބާއަކާ ބެހޭ ގޮތުން އޭނާ ބުނެފައިވެ އެވެ. ދިރިއުޅުމުގައި އުފާވެރިކަން ހާސިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ ލިސްޓެއް އޭނާގެ ޒުވާން އުމުރުގައި ތައްޔާރު ކުރިކަމަށެވެ. އޭގައި އޭނާ ހިމެނީ، ފުރިހަމަ ސިއްހަތާއި، ލޯތްބާއި، އެކިއެކި ހުނަރުތަކާއި، ކަންކަން ކުރުމުގެ ގާބިލުކަމާއި، މުއްސަނދިކަމާއި، މަޝްހޫރުވުމެވެ. މި ލިސްޓު ހިފައިގެން ތަޖުރިބާހުރި ބުއްދިވެރިއެއްގެ ގާތަށް އޭނާ ދިއުމުން ލިސްޓު ބަލައިލާފައި އޭގައި ހިމެނޭ ކަންކަމާއި އެ ތަރުތީބު ކުރެވިފައިވާ ގޮތާ މެދު އެ ބުއްދިވެރި މީހާ ވަރަށް ހިތްހަމަ ޖެހުނެވެ. އެހެން ނަމަވެސް ލިސްޓުގައި ވަރަށް މުހިންމު އެއް ކަންތައް ހަނދާން ނައްތާލެވިފައިވާ ކަމަށް ބުނެ އޭނާގެ ގަލަމުން "ހިތްހަމަޖެހުން" މި ކަލިމަ ލިސްޓަށް އިތުރުކޮށްލި އެވެ. އަދި އެއަށް ފަހު އެ ބުއްދިވެރިޔާ ބުނި ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. "މިކަމަކީ ކަލާނގެ އިޚްތިޔާރު ކުރައްވާ ބަޔަކަށް ލިބޭ ހާއްސަ ހިބައެކެވެ. ސިއްހަތާއި ވިސްނުންތޫނު ކަމާއި މުދަލާއި މަޝްހޫރުކަމަކީ މަސައްކަތް ކޮށްގެން ލިބިދާނެ އާދައިގެ ކަމެކެވެ. އެކަމަކު ހިތްހަމަޖެހުމަކީ ވަކި މިންވަރަކަށް މެނުވީ ކަލާނގެ ދެއްވާ އެއްޗެއް ނޫނެވެ. މިއީ އަހަރެން އަމިއްލައަށް ބުނާ ވާހަކައެއް ނޫނެވެ. މިއީ ދީނީ ފޮތްތަކުންނާއި ފައިލަސޫފުންގެ ފަރާތުން އަހަރެން ނަގުލު ކުރާ ވާހަކައެކެވެ. އެ ފައިލަސޫފުން ވެސް ކަލާނގެ ހަޒްރަތުން އެދެނީ ދުނިޔޭގެ ނިއުމަތްތައް އެމީހުންގެ ފައިދަށަށް ލާފައި ވެސް ގުޑުގުޑު އެޅުން ނެތް ހިތެއް ދެއްވާށެވެ!".

ބުއްދިވެރިޔާގެ މިވާހަކަ ޑޮކްޓަރަށް އެދުވަހު ގަބޫލު ނުކުރެވުނު ކަމަށާއި، އެކަމަކު އޭގެފަހުން ބައި ގަރުނުވީ އިރު ކުރެވުނު ތަޖުރިބާތަކާއި ފާހަގަ ކުރެވުނު ހާއްސަ ކަންކަމުން ވަރަށް މުހިންމު ކަމެއް އެނގި ދަސްވި ކަމަށް ޑޮކްޓަރު ބުނެފައިވެ އެވެ. އެއީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާ ހަމަ ކޮންމެ މީހަކަށްވެސް ހިތްހަމަޖެހުމަކީ އެންމެ މުހިންމު ކަންތައް ކަމުގަ އެވެ. އޭނާ ތައްޔާރު ކުރި ލިސްޓުގައި ހުރި އެހެން ކަންތައް އެއީ ހިތްހަމަޖެހުން ގެނައުމަށް ހަމަ ކޮންމެހެން ލާޒިމުވާ ކަންތައްތަކެއް ނޫން ކަމަށެވެ. މުދަލާއި ފައިސާ ނެތަސް އަދި ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނަސް ހިތްހަމަޖެހުމަކީ ހަމަ ލިބިދާނެ ކަމެއް ކަމަށެވެ. އަދި ހިތްހަމަޖެހުން ލިބިއްޖެނަމަ ނިކަމެތި ޖިފުޓި ގަޑެއް ވެސް އެއީ ތަނަވަސް ގަނޑުވަރެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ. އެއާ ޚިލާފަށް ހިތްހަމަޖެހުން ނުލިބޭނަމަ ރަސް ގަނޑުވަރެއް ވެސް އެއީ ޖަލެއް ކަމުގައި ބަލަން ޖެހިދާނެ ކަމަށެވެ.

އާދެ، މިއީ ތަނަވަސްކަމާއި އިލްމާއި މިނިވަންކަން ލިބިފައިވާ އެމެރިކާގައި އުޅޭ މީހަކު ބުނެފައިވާ ވާހަކަ އެކެވެ. ޢާލަމްތަކުގެ ވެރި އެއްކައުވަންތަ ﷲ ފިޔަވައި އެހެން ފަރާތްތައް ކަލުންނަށް ހަދައިގެން އުޅޭ މީހުންގެ ތެރެއިން މީހެއްގެ ވާހަކަ އެކެވެ. ނަމަވެސް އޭނާގެ ތަޖުރިބާ މިއޮތީ ފެންނާށެވެ. ވީއިރު ﷲ އަށް އީމާންވާ މުއުމިނުން މިކަމާ މެދު ދެކޭ ގޮތް އެތައް ގޮތަކުން ފުރިހަމަވާނެ ކަން ޔަގީނެވެ. އެހެނީ މުއުމިނަކު ނަމަ މި ޑޮކްޓަރު އެ ގަބޫލު ކުރާ ފަދައިން ތޫނުފިލިކަމާއި އިލްމާއި ސިއްހަތާއި ބާރާއި މުއްސަނދިކަމާއި މަޝްހޫރު ކަން ފަދަ ކަންކަމަކީ ދިރިއުޅުން ބާއްޖަވެރި ކުރުމުގެ ވަސީލަތްތަކެއް ކަމަށް ގަބޫލު ކުރިޔަސް އެކަން ގަބޫލު ކުރާނީ އެއީ ހަމައެކަނި އެކަމަށް އެހީތެރިކަން ލިބޭ ކަންކަމުގެ ގޮތުގަ އެވެ. އެކަމަކު އުފާވެރިކަމާއި ބާއްޖަވެރިކަން ލިބުމުގައި އެންމެ މުހިންމުވާނީ ހިތްހަމަޖެހުން ކަމާއި މި ހިތްހަމަޖެހުން ލިބުން އޮތީ ހަމައެކަނި އެންމެ މަގަކުން ކަމަށެވެ. އެއީ މިކަމަށް އޮތް އެންމެ ފުރިހަމަ މަގު ކަމުގައިވާ އީމާންކަމުގެ މަގު ކަމަށެވެ. އާދެ، ޚާލިޤުވަންތަ އެއްކައުވަންތަ މާތް ﷲ އަށާއި، އާޚިރަތް ދުވަހަށާއި އަދި މިނޫންވެސް އީމާންކަމުގެ ރުކުންތަކަށް ހިތުގެ އަޑިން އީމާންވެގެން ކަމަށެވެ. ބާއްޖަވެރިކަން ލިބުމުގައި ހިތްހަމަޖެހުން މުހިންމު ކަމަށް ބުނި ބުއްދިވެރިޔާ އާއި މިކަން ތަޖުރިބާކުރި ޑޮކްޓަރާ މުއުމިނަކު ތަފާތުވާ ހިސާބަކީ މިއީ އެވެ. އާދެ، ހިތްހަމަޖެހުން ހޯދުމުގެ އެންމެ މުހިންމު މަގަކީ އެއްކައުވަންތަ ކަމުގެ ޢަޤީދާ އިން ހާސިލުވާ އީމާންތެރިކަން ކަމެވެ.

ހިތްހަމަޖެހުމަށް އޮތް އެންމެ ފުރިހަމަ މަގަކީ މިއީ ކަން ތާރީޚު ހެކިދެ އެވެ. އެހެނީ، ދުނިޔަވީ ތަފާތު ކުލަކުލައިގެ އުފާތަކާއި މަޖާކުރުމާއި ލައްޒަތުތަކުގައި ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަ ކުރިއަސް އީމާންކަމުގެ ނިއުމަތް ލިބިފައި ނުވާ މީހުން ނަފްސާނީ ގޮތުން ބަލާއިރު ހާސްކަމާއި ކަންބޮޑުވުމާއި ނުތަނަވަސްކަމުގައި އުޅޭ މީހުން ކަމުގައި ފެނިގެން ދާތީ އެވެ. އެމީހުން ކިތަންމެ ވަރަކަށް އެމީހުންގެ އެދުންތައް ފުއްދިއަސް އަބަދާއި އަބަދު އެކަމަށް އިތުރަށް އޮންނަނީ ބޭނުންވެފަ އެވެ. ނުފުއްދިއްޖެ ނަމަ ރުޅިގަދަވެ އެވެ. ރުންކުރުވެ އެވެ. ފަހުން އެކަމާ ދެރަވެ ހިތާމަކުރަން ޖެހޭ އެތައް ގޯހެއް އަތުންފައިން ހަދަ އެވެ. ތަބީއީ ހާދިސާތަކާއި ކާރިސާތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރަން ދަތި ހިސާބަށް އެމީހުން ބިރުގަނެ އެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމުގައި ދުނިޔަވީ އެދުންތަކާއި ލައްޒަތުތައް ފުއްދުން ފިޔަވައި އެހެން އަމާޒެއް ނޯންނާތީ އެވެ. މި އަމާޒަށް ނުދެވޭ ނަމަ ދިރިއުޅުމަކީ މާނައެއް އޮތް އެއްޗެއް ކަމަކަށް ނުދެކޭތީ އެވެ. ވީމާ މިފަދަ ބަޔެއްގެ ހިތްތަކަށް ހަމަޖެހުމެއް ލިބިދާނެ ހެއްޔެވެ؟ މޭތަކަށް ތަނަވަސްކަމެއް ލިބިދާނެ ހެއްޔެވެ؟

އެއްވެސް ޝައްކެއް ނެތް ގޮތުގައި އެންމެ ފުރިހަމަ ހިތްހަމަޖެހުމެއް ލިބޭނީ އީމާންކަމުގެ ވާދީންނެވެ. އެއްކައުވަންތަ ޢަޤީދާގެ ގަހުންނެވެ. އެ ގަހުން މާތް ﷲ ގެ އިޒުނަފުޅާ އެކު ކޮންމެ ވަގުތަކު ވެސް އޭގެ ފޮނިމޭވާ ލިބޭނެ އެވެ. ހިތްހަމަޖެހުމަކީ މުއުމިނުންގެ ހިތްތަކަށް އުޑުން ބާވާލެއްވޭ އިލާހީ ހަދިޔާއެކެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވެ އެވެ. "އެކަލާނގެއީ، މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވާލެއްވި ރަސްކަލާނގެ އެވެ. އެއީ އެއުރެންގެ އީމާންކަމުގެ މައްޗަށް، އެއުރެންނަށް އީމާންކަން އިތުރުވުމަށްޓަކަ އެވެ." (އަލްފަތުހު 4). ﷲ މުއުމިނުންނަށް މި ހަދިޔާ ދެއްވަނީ އެހެންމީހުން ސާބިތުކަމެއް ނެތި ތިބޭ ހިނދު މުއުމިނުން ސާބިތުވެ ތިބުމަށެވެ. އެހެން މީހުން ހިތްހަމަނުޖެހިގެން އުޅޭ ހިނދު މުއުމިނުން ރުހިގެން ތިބުމަށެވެ. އެހެން މީހުން ޝައްކު ބަލީގައި ތިބޭ ހިނދު މުއުމިނުން ޔަގީންކަމުގައި ތިބުމަށެވެ. އެހެންމީހުންނަށް ކަންކަން ތަހައްމަލު ނުކުރެވިގެން އުޅޭ ހިނދު މުއުމިނުން ކެތްތެރިކަން މަތީ ތިބުމަށެވެ. އެހެންމީހުންނަށް މައިތިރިވެގެން ނޫޅެވޭ ހިނދު މުއުމިނުން ޙިލްމުވެރިކަން މަތީ ތިބުމަށެވެ.

ކީރިތި ނަބިއްޔާ ﷺ މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވި އިރު ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އިންނެވި ވަގުތު މި ހިތްހަމަ ޖެހުމުން އެކަލޭގެފާނުގެ ހިތްޕުޅު ފުރިގެންވި އެވެ. ހާސްވުމާއި ކަންބޮޑުވުމާއި ބިރުގަތުމާއި ޝައްކުވުމާއި ދެރަވުން ފަދަ ޖަޒުބާތުތަކުން ނަފްސު ފޯކޮށްލަފާނެ ފަދަ ދަނޑިވަޅެކެވެ. ނަމަވެސް މިފަދަ އެއްވެސް ނުރަނގަޅު ޖަޒުބާތެއް އެކަލޭގެފާނުގެ ނަފްސުފުޅުގައި އެވަގުތު ނުވެ އެވެ. އެގޮތަށް އެހެންވީ ހިތަށް ލިބޭ ހަމަޖެހުން ނުވަތަ "ސަކީނާ" އަކީ ﷲގެ ހަޒްރަތުން އަންނަ ރޫހާނީ ކަމަކަށް ވާތީ އެވެ. ނޫރަކަށް ވާތީ އެވެ. މީގެ ސަބަބުން ބިރުގަންނަ މީހާގެ ހިތް ހަމަޖައްސާލަ އެވެ. ހާސްވެފައިވާ މީހާގެ ހާސްކަން ފިލުވާލަ އެވެ. ދެރަވެފައިވާ މީހާއަށް ތަސައްލީ ގެނެސްދެ އެވެ. ވަރުބަލިވެފައިވާ މީހާއަށް ރާހަތެއް ގެނެސްދެ އެވެ. ނިކަމެތި މީހާއަށް ބާރެއް ގެނެސްދެ އެވެ. ހައިރާންކަން ލިބިފައިވާ މީހާއަށް ހިދާޔަތެއް ލިބެ އެވެ. މިފަދަ ނަތީޖާތަކުގެ ސަބަބުން ދިރިއުޅުމުގައި ބާއްޖަވެރިކަން ގެނެސްދޭ އެންމެ މުހިންމު ކަމެއް ކަމުގައި މި ހިތްހަމަޖެހުން ވެގެންދެ އެވެ. ހަމަ އެއާ އެކު އާޚިރަތުގެ ބާއްޖަވެރިކަމަށް މި ހިތްހަމަޖެހުން މަގު ތަނަވަސް ކޮށްދެ އެވެ. ސަބަބަކީ މިއީ އީމާންތެރިކަމުން ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް ވުމެވެ.