ޝާހްރުކާއި އާލިއާ ތައުރީފުކޮށް ނުނިމުނު
ޝާހްރުކާއި އާލިއާ ތައުރީފުކޮށް ނުނިމުނު

ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. މި ފިލްމުގެ ޝޫޓިން ފެށީއްސުރެ މި ދެ އެކްޓަރުން އެކަކު އަނެކަކަށް ތައުރީފުކުރުން ހުއްޓައެއް ނުލަ އެވެ. ޝާހްރުކްގެ ޕްރޮފެޝަނަލްކަމުން އާލިއާ ހައިރާންވެފައި ވާއިރު ޝާހްރުކް ބުނަނީ އާލިއާ އަކީ މާ އަވަހަށް މާ ގިނަ ކަންތައްތައް ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާއެއް ކަމަށެވެ.

ޝާހްރުކާ ބެހޭ ގޮތުން އާލިއާގެ ބައެއް ޝަކުވާތައް ވެސް އެބަހުއްޓެވެ. އެތަނުން އެއް ޝަކުވާ އަކީ ފިލްމީ މަސައްކަތުގައި މާ ބުރަކޮށް އުޅެން ހަދައިގެން ވަގުތުން ވަގުތަށް ނުކެވުމެވެ. ޝާހްރުކްގެ ކަމަކީ އަބަދު ކޮފީ ބުއިން ކަމަށް ވެސް އާލިއާ ބުންޏެވެ.

އާލިއާ ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާ ވަގުތު މުޅި ތަން އޮންނަނީ ހިމޭނުންނެވެ. އެއްވެސް މީހަކަށް ވާހަކަ ދެއްކުމުގެ ހުއްދައެއް ނޯވެ އެވެ. އެފަދަ ވަގުތުތަކުގައި ޝާހްރުކްގެ ބަނޑު ހުސްވެގެން ގޮސް ބަނޑުން އަޑުގޮވާ ކަމަށް އާލިއާ ބުންޏެވެ.

"ދެން އަހަރެމެން އަވަހަށް އޭނާއަށް ބިސްކޯދު ކަހަލަ އެއްޗެހި ކާން ދެނީ. ޝާހްރުކް މާގިނައިން ކޮފީ ބޮނީ. އަހަރެން ވެސް ކޮފީ ބޮން އެކަމަކު އަހަރެން ގަވާއިދުން ކަން،" ޝާހްރުކް އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނެފައިވެ އެވެ.

އާލިއާގެ އިތުރު ޝަކުވާއެއް ވެސް ޝާކްރުކާ މެދު އެބައޮތެވެ. އެއީ އޭނާއާ އެކު ބަލަން ވައުދުވީ ފިލްމެއް ނުބެލި އޮތީމަ އެވެ.

"ފިލްމު ސެޓުގައި މެންދުރު ކެއުމަށް ލިބޭ ވަގުތުގައި ޝާހްރުކާއި އަހަރެން ޝާހްރުކްގެ ވެނިޓީ ވޭންގައި ފިލްމެއް ބަލަން ފެށި. ކޮންމެ ދުވަހަކުވެސް ބެލެނީ ބައިގަޑިއެއްހާއިރު. އަދިވެސް އެފިލްމު އެއްކޮށް ބަލައެއް ނުނިމޭ. ޝާހްރުކް ވައުދުވެފައި ވަނީ އަހަންނާ އެކު ނޫނީ ފިލްމުގެ ބާކީ ބައި ނުބަލާނެކަމަށް. ނަމަވެސް މިހާރު އޭނާ އެ ފިލްމު ބަލައި ނިންމައިފި. އަހަރެން އަދިވެސް އަނެއްބައި ނުބަލަން. ކޮންމެ ދުވަހަކުން ނަމަވެސް އެ ބައި ބަލާނީ ޝާހްރުކާ އެކު. އޭނާ ވަނީ ވައުދު އުވާލާފައި،" އާލިއާ ބުނެފައިވެ އެވެ.

އާލިއާ ބުނި ގޮތުގައި ޝާހްރުކް އަކީ ވަރަށް ކޫލް މީހެކެވެ. އަދި ފިލްމު ސެޓުގައި އެންމެންނާ ދޭތެރޭ ވެސް ކަންތައް ކުރަނީ އެއްގޮތަކަށެވެ.

އާލިއާ ގަބޫލުކުރާ ގޮތުގައި "ޑިއާ ޒިންދަގީ" އަކީ ވަރަށް ތަފާތު އެހާމެ އާ ވައްތަރެއްގެ ފިލްމެކެވެ. އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ އެއްވެސް ފިލްމަކާ އެއް ފިލްމާ އެއްގޮތެއް ނޫނެވެ. އަދި ޒުވާނުންނަށް މި ފިލްމު ވަރަށް ކަމުދާނެކަމަށް އާލިއާ އުންމީދު ކުރެ އެވެ.

"ޑިއާ ޒިންދަގީ" މިހާރު ވަނީ ޔޫ/އޭ ސެޓްފިކެޓަކާ އެކު ސެންސަރު ބޯޑުން ފާސްކޮށްދީފަ އެވެ. ގާތްގަނޑަކަށް 149 މިނިޓްގެ މިފިލްމު ޑައިރެކްޓްކޮށްފައިވާ ގޯރީ ޝިންޑޭ އެވެ. ޕްރޮޑިއުސަރުންނަކީ ޝާހްރުކާއި ކަރަން ޖޯހަރް އެވެ.