28 މެއި 2021 - 13:49

ޔޫއޭއީގައި ތިބި ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ދިއުމުގެ ކުރިން މެޑިކަލް ދެ ސެންޓަރަކުން ކޮވިޑް ޓެސްޓް ހައްދަން ޖެހިއްޖެ އެވެ.
އެމިރޭޓްސް މަގުން، ގައުމީ ޓީމު ޗައިނާއަށް ދާނީ މާދަމާ އެވެ. ކޮވިޑް-19 ކޮންޓްރޯލްކުރަން ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގައި، އެ ގައުމަށް އެެތެރެވުމުގެ ކުރިން ދެ ސެންޓަރަކުން ދެ ދުވަހަކު ކޮވިޑް ޓެސްޓް ހައްދަން ޖެހެ އެވެ. އަދި ކޮވިޑް ވެކެސިން ޖަހައިފައިވާކަން ވެސް ކަށަވަރުކޮށްދޭން ޖެހެ އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އިއްޔެ ވަނީ ކޮވިޑްގެ ފުރަތަމަ ޓެސްޓް ހަދައިފަ އެވެ.
"މިހާރު މި ތިބީ ފުރަތަމަ ޓެސްޓްގެ ނަތީޖާ ލިބެންދެން. މިއަދު އަނެއްކާ އެހެން ކްލިނިކަކުން ދެ ވަނަ ކޮވިޑް ޓެސްޓް ހައްދާނެ،" ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗު ވެގެންދާނީ ރާއްޖޭގެ ކޯޗް ކަމުގައި 15 މަހަށް ވުރެވެސް ގިނަ މުއްދަތެއް ހޭދަ ކުރި ހޮލެންޑްގެ މާޓީން ކޫޕްމަން ގައުމީ ޓީމަށް އިރުޝާދު ދޭ ފުރަތަމަ މެޗަށެވެ.
ސިރިއާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.
މި ގުރޫޕްގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޗައިނާ އިން ހަތަރު މެޗު ކުޅުނު އިރު އެ ޓީމަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ފިލިޕީންސަށް ވެސް ހަތް ޕޮއިންޓެވެ. ގުއާމްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ރާއްޖެއަށް ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ.