29 މެއި 2021 - 10:52

މެޑްރިޑް (28 މެއި) - މިދިޔަ މަހު އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގުގެ ހަރަކާތްތަކަށް ހުއްޓުމެއް އަޔަސް، އަދިވެސް އެކަން ކުރިއަށްދާ ކަމަށް، ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ފުޓްބޯޅަ ލީގުތަކުގެ ބޮޑިން، އިއްޔަ މެޑްރިޑްގައި ބޭއްވި ސަމިޓްގައި ޓެބާސް ވިދާޅުވީ ޔޫރަޕިއަން ސުޕަ ލީގުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި އެ ލީގު މަރުވީ ކަމަށް އަދި ބަލައިގެން ނުވާނެ ކަމަށެވެ.
"މި މީހުން [ސުޕަ ލީގު އުފައްދަން މަސައްކަތް ކުރި ފަރާތްތައް] ހީކުރަނީ އަހަރެމެންނަށް އެއްވެސް ކަމެއް ނޭނގޭނެ ކަމަށް، އެ މީހުން ހީކުރަނީ އެ ކުރަން އުޅުނު ކަމަކީ ކޮބައިކަން އަހަރެމެންނަށް ރޭކާ ނުލާނޭ. އަހަރެން އެކަމާ ވަރަށް ރުޅި އައި،" ސުޕަ ލީގާ ދެކޮޅަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޓެބާސް، ސަމިޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"އެ މީހުން އެ ކުރަން އުޅުނު ކަމަކީ ވަރަށް ނުރައްކާ ކަމެއް. އެއީ ޔޫރަޕްގެ ފުޓްބޯޅައާ ދެކޮޅަށް ކުރަން އުޅުނު ބަގާވާތެއް. އެ ނުރައްކާ ނެތި ދިޔައީ ކަމަށް އަހަރެމެން ބަލައިގެން ނުވާނެ."
ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވި 12 ކްލަބުގެ ތެރެއިން ނުވަ ކްލަބަކުން ވަނީ ނަން އަނބުރާ ގެންގޮސް މާފަށް އެދިފަ އެވެ. ސުޕަ ލީގުން ވަކިވާން ދެކޮޅު ހަދަނީ، ސުޕަ ލީގުގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ފްލޮރެންޓީނޯ ޕެރޭޒްގެ ރެއާލް މެޑްރިޑާއި، ސުޕަ ލީގުގެ ވައިސް ޗެއާމަންކަން ކުރައްވަމުން ގެންދަވާ އަންޑްރެއާ އަގްނޭލީގެ ޔުވެންޓަސްގެ އިތުރުން ބާސެލޯނާ އެވެ.
އެ ތިން ކްލަބު އެ މުބާރާތުން ވަކިވާން ދެކޮޅު ހަދަމުންދާތީ ޔޫއެފާއިން ވަނީ މައްސަލަ ތަހްގީގުކޮށް އެ ތިން ކުލަބާ ދެކޮޅަށް އަދަބު ދޭން ނިންމައިފަ އެވެ. ދޭނީ ކޮން އަދަބެއް ކަމެއް އަދި ނުނިންމަ އެވެ. އަޅާނެ ކަމަށް ބެލެވޭ ފިޔަވަޅަކީ، ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ދެ އަހަރު ވަންދެން ބައިވެރި ނުވެވޭނެ ގޮތަށް ސަސްޕެންޑް ކުރުމެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ފިޔަވަޅު އަޅަން ޓެބަސް ތާއީދު ކުރެ އެވެ.
ނަމަވެސް މައްސަލަ ބެލި ޔޫއެފާގެ ތަހުގީގު ޓީމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ތިން ކްލަބުގެ މައްސަލަ ބެލުމަށް 20 މެންބަރުގެ ޓީމެއް ހަރަކާތްތެރި ވި އެވެ. ޔޫއެފާގެ އުސޫލުގައިވާ ގޮތުން، ވަކި ގައުމެއްގެ ކްލަބަކާއި ނުވަތަ ފަރުދަކާ ދެކޮޅަށް މައްސަލަ ބަލާ ކަމަށްވާ ނަމަ އެ ގައުމަކަށް ނިސްބަތްވާ އޮފިޝަލަކަށް ތަހުގީގު ޓީމުގައި ބައިވެރި ނުވެވޭނެ އެވެ. ނަމަވެސް ސްޕެއިންގެ އޮފިޝަލް ޓޯނީ ގާސީއާ އަލްކަރާޒް ތަހުގީގުގައި ބައިވެރިވި މައްސަލަ ސްޕެއިންގެ މީޑިއާއިން ވަނީ ހިލުވާލައިފަ އެވެ.