ކޮވިޑް-19: މެދުއުމުރުގެ ދެ މީހެއްގެ މަރާ އެކު މި މަހު 80 މަރު
ކޮވިޑް-19: މެދުއުމުރުގެ ދެ މީހެއްގެ މަރާ އެކު މި މަހު 80 މަރު

ކޮވިޑް ބަލީގައި، މެދުއުމުރުގެ ދެ މީހަކު މިއަދު މަރުވެ މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭ ދަންވަރު 2:15 ގައި 54 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އޭނާ މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި ހަމަ އެ ފެސިލިޓީގައި ފަތިހު 5:55 ގައި އުމުރުން 47 އަހަރު ދިވެހި ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ.

މި ދެ މަރާ އެކު މި ބަލީގައި ރާއްޖެއިން ޖުމްލަ 153 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

ބަލިޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ވެސް މިހާރު 1،000 އިން މަތީގައި އުޅޭއިރު، މި ވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 25،000 އިން މައްޗަށް ގޮސްފަ އެވެ. މިއީ ރިކޯޑް އަދަދެކެވެ. ނަމަވެސް ތިން ހަފުތާއެއްހާ ދުވަސް ފަހުން ހަމައެކަނި މާލެ ސަރަހައްދުން ފެންނަ ކޭސްތައް 1،000 އިން ދަށަށް މިހާރު ވަނީ ވެއްޓިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އެޗްޕީއޭ އިން ވަނީ މާލޭގެ އިތުރުން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ.