ދެ ބަތަލާއިންނާ އެކު އަރުޖުން އަށް ރޮމޭންޓިކް ތުރިލާއެއް
ދެ ބަތަލާއިންނާ އެކު އަރުޖުން އަށް ރޮމޭންޓިކް ތުރިލާއެއް

ދެ ބަތަލާއިން ހިމެނޭ ރޮމޭންޓިކް ތުރިލާއަކަށް އަރުޖުން ކަޕޫރް ސޮއިކޮށް، އޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަރު ޝާއިލޭޝް އާރް ސިންގް ޕްރޮޑިއުސްކޮށް، އަޖޭ ބާލް ޑައިރެކްޓްކުރާ ފިލްމެކެވެ. އަޖޭ އަކީ ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓަށް ކާތިކް އާރިޔަންއާ އެކު "ގުޑްބާއީ ފްރެޑީ" ހަދަން އުޅުނު ޑައިރެކްޓަރެވެ. އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައި އޮއްވައި ކާތިކް މިހާރު ވަނީ ފިލްމު ދޫކޮށްލައިަފ އެެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި "ގުޑްބާއި ފްރެޑީ" އަށް ދިމާވި ކަންތަކާ ހެދި އެ ފިލްމުގެ މަސައްކަތް ދެން ތަންކޮޅެއް ފަހުން ކުރިއަށް ގެންދާ ނިންމައި އަޖޭ ދެން ޑައިރެކްޓްކުރާނީ އަރުޖުންއާ އެކު ހަދާ ފިލްމެވެ. އޭގެ ޓީމުން ރާވާފައި އޮތީ އިންޑިއާގައި މިހާރު ކޮވިޑް-19 އާ ހެދި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބުމާ އެކު ޝޫޓިން ފަށާ ގޮތަށެވެ.

ނަން އިއުލާން ނުކުރާ މި ފިލްމުގައި އަރުޖުންއާ ދެ ބަތަލާއިން ހިމެނުނު ނަމަވެސް އެއީ ކޮން ބައެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އަރުޖުންގެ އަތުގައި މިހާރު ވެސް ތުރިލާއެއް އެބައޮތެވެ. އެއީ ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު މޯހިތު ސޫރީގެ "އޭކް ވިލަން ރިޓާންސް" އެވެ. އެ ފިލްމުގެ ކާސްޓްގައި ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީގެ އިތުރުން ތާރާ ސުތާރިއާ ވެސް ހިމެނެ އެވެ.

މި މަހުގެ 18 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި "ސަރުދާރު ކާ ގްރޭންޑްސަން" އިން ފެނިގެން ދިޔަ އަރުޖުން ބުނެފައިވާ ގޮތުގައި ތުރިލާ ޖޯންރާ އަކީ އޭނާ އަށް އެންމެ ކަމުދާ ވައްތަރުގެ ފިލްމުތަކެވެ. އަދި އަޖޭގެ ފިލްމަކީ އޭނާ އަށް ވަރަށް ކަމުދާ ސްޓައިލަކަށް ފައްކާކޮށްފައިވާ ސްކްރީންޕްލޭ ހަދާ ފިލްމެކެވެ.

މި އަހަރުގެ މާޗްގައި ރިލީޒްކުރި ބްލެކް ކޮމެޑީ "ސަންދީޕް އޯރް ޕިންކީ ފަރާރު" އަކީ ވެސް އަރުޖުން، 35، ގެ ވަރަށް ތަފާތު ރޯލެއް ފެނިގެން ދިޔަ ފިލްމެކެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝޫޓިން ނިންމާފައިވާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ހިމެނެ އެވެ. އޭގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ޖެކްލީން ފެނަންޑޭޒްގެ އިތުރުން ޔާމީ ގޯތަމް ހިމެނެ އެވެ.