28 މެއި 2021 - 09:47

ވެލެންސިއާ (28 މެއި) - ރެއާލް މެޑްރިޑްގެ ވައިސް ކެޕްޓަން މާސެލޯ ވިއޭރާ، މާސްކު ނާޅައިގެން ކުރި ޖޫރިމަނާގެ ފައިސާ ނުދައްކާ މައްސަލަ ފެންމަތިކޮށްފި އެވެ.
އާއިލާއާ އެކު ޗުއްޓީ ހޭދަ ކޮށްލަން، މާސެލޯ އާއި އޭނާގެ އާއިލާ ވެލެންސިއާއަށް މިދިޔަ މަހު 27 ގައި ގޮސް އެ ތަނުގައި ދެ ދުވަސް ހޭދަ ކުރި އެވެ. ކޮވިޑް-19 ފެތުރޭތީ ސްޕެއިންގައި އަމަލުކުރާ ކޮވިޑްގެ ޕްރޮޓޮކޯލްގެ ދަށުން އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރުމަކީ މަނާ ކަމެކެވެ. މެޑްރިޑްގައި ދިރިއުޅޭ މާސެލޯ އާއި އޭނާގެ އާއިލާ ވެލެންސިއާއަށް ދިއުމުން، އިތުރު ޖޫރިމަނާއެއް ވެސް ވަނީ ކޮށްފަ އެވެ.
އާއިލާއާ އެކު ވެލެންސިއާގެ ޓޫރިސްޓް މަންޒިލްތަކަށް މާސެލޯ އާއި އާއިލާއިން ކުރި ޒިޔާރަތުގައި މާސްކުނާޅައި ތިބި މަންޒަރު ބައެއް އާންމުންނަށް ވެސް ވަނީ ފެނިފަ އެވެ. ވެލެންސިއާގެ ޓޫރިސްޓް މަންޒަލެއްގައި ތިބެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް މާސެލޯ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކުރި އެވެ. މާސްކު ނާޅައި ތިބުމުން މާސެލޯއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވި އެވެ.
ކޮވިޑްގެ ޕްރޮޓޮކޯލްގައި ހިމެނޭ ދެ ކަމަކާ މާސެލޯ އާއި އޭނާގެ އާއިލާ ހިލާފްވުމުން ކޮންމެ މީހަކު 600 ޔޫރޯއިން ޖޫރިމަނާ ކުރި އެވެ. އަދި އޭނާ އާއި އޭނާގެ އަންހެނުންނާއި ދޮށީ ދަރިފުޅު ކޮންމެ މީހަކު އިތުރު 100 ޔޫރޯއިން ޖޫރިމަނާ ކުރުމުން ޖުމުލަ 2700 ޔޫރޯ ޖޫރިމަނާގެ ގޮތުގައި އޭނާ ދައްކަން ޖެހޭނެ އެވެ.
މިދިޔަ މަހު ކުރި، ޖޫރިމަނާ އަދިވެސް އޭނާ އަދިވެސް ނުދައްކަ އެވެ. ޖޫރިމަނާ ފައިސާ 10 ދުވަހުގެ ތެރޭގައި ދެއްކުމަށް އޭނާއަށް އަންގަން ވެލެންސިއާގެ ސަރަހައްދީ ސަރުކާރުން މި މަހު 11 ގައި މަަސައްކަތް ކުރި އެވެ. ފައިސާ ދައްކަން އޭނާ އަށް އޭގެ ފަހުން ވެސް އެންގި އެވެ.
ދެ ފަހަރެއްގެ މަތިން މާސެލޯއަށް އެކަން އެންގި ނަމަވެސް އޭނާގެ ޖަވާބެއް ނުލިބެ އެވެ.
މި ސީޒަންގައި ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި މާސެލޯ ވެސް ހިމެނެ އެވެ.