ކޮވިޑްގެ އެކްޓިވް ކޭސްތައް 25،000 އިން މައްޗަށް
ކޮވިޑްގެ އެކްޓިވް ކޭސްތައް 25،000 އިން މައްޗަށް

ކޮވިޑް-19 މި ވަގުތު ޖެހިފައިވާ ނުވަތަ އެކްޓިވް ކޭސްތަކުގެ އަދަދު 25،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 25،419 އަށް އިތުރުވެފަ އެވެ. އެއީ އިއްޔެ އިރުއޮއްސި 6:00 އާއި މިއަދު އިރުއޮއްސި 6:00 އާއި ދެމެދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 1،299 މީހުން ހިމަނައިގެންނެވެ.

މީގެ ތެރެއިން 282 މީހުންނަށް ދަނީ ހޮސްޕިޓަލްތަކާއި ކޮވިޑް މެޑިކަލް ފެސިލިޓީތަކުގައި ފަރުވާ ދެމުންނެވެ.

އިއްޔެ އިރުއޮއްސި 6:00 އާއި މިއަދު އިރުއޮއްސި 6:00 އާއި ދެމެދު ނެގި 5،167 ސާމްޕަލްގެ ތެރެއިން 1،299 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 799 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 487 މީހުންގެ އިތުރުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 13 މީހުންނެވެ.

މިއާއެކު މިއީ މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އިން ދަށުގައި ހިފެހެއްޓުނު ތިންވަނަ ދުވަހެވެ. މާލެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 1،000 އަށް ވުރެ ދަށުގައި ހިފެހެއްޓިފައިވަނީ ހާލަތު ގޯސްވުމުގެ ސަބަބުން އެޗްޕީއޭއިން ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 57،341 އަށް އަރާފަ އެވެ. މީގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 33،136 މީހުންނެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ބޯލަނބާ ނަމަ ކުރިއަށް އޮތް ދެ ހަފްތާއެއް ފަހުން، ކޭސްތަކުގެ އަދަދު މިހާރަށް ވުރެ ބޮޑަށް ދަށްވާން ފަށާނެ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.