ކިޑްނީ ބައްޔަށް ދޭ ބޭހުގެ އަސަރު ސިނގިރޭޓުގެ ސަބަބުން ކުޑަވޭ
ކިޑްނީ ބައްޔަށް ދޭ ބޭހުގެ އަސަރު ސިނގިރޭޓުގެ ސަބަބުން ކުޑަވޭ

ކިޑްނީ ބައްޔަށް ދާއިމީކޮށް ފަރުވާކުރަންޖެހޭ މީހުންނަށް ބަލީގެ ކުރީކޮޅު ދޭ ބޭހުގެ އަސަރު ހަށިގަނޑަށް ކުރާ މިންވަރު ސިނގިރެޓް ބުއިމުގެ ސަބަބުން ކުޑަވެގެން ހިނގައިދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކިޑްނީ ހަލާކުވަމުންދާ ނަމަ، ކިޑްނީގެ ހާލަތު ދަށަށް ދިއުން ލަސްކޮށްލުމަށް ލޭގެ ޕްރެޝަރު ދަށްކޮށް، ލޭނާރުތަކަށް ލުއިކޮށްލަން ބޭސް ދޭނެ އެވެ. ދިރާސާގައި އިސްކޮށް ހުންނެވި، ބޮސްޓަންގެ ޓަފްޓްސް މެޑިކަލް ސެންޓަގެ ޑރ. ބެތާނީ ރޫހިމް ވިދާޅުވެފައި ވަނީ ކިޑްނީ ބަލީގެ މީހެއްގެ ލޭމައްޗަށްދާ މައްސަލަ ހުންނަ ނަމަ މީގެ ބޭސް ދިނުމަކީ އާންމު އުސޫލަކަށް ވެފައި އޮންނަ ކަމަށެވެ.

އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީގައި ޑރ. ބެތާނީއާ ހަވާލާދީ ބުނެފައި ވަނީ މިފަދަ ބޭސް ދީގެން ކިޑްނީގެ ހާލަތު އަވަހަށް ގޯސްވިޔަ ނުދީ ލަސްކޮށްލުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. އެކަމަކު މި ބޭސް ދެނީ ދުންފަތުގެ އިސްތިމާލުކުރާ މީހަކަށް ނަމަ ބޭހުން ނެރެން ބޭނުންވާ ނަތީޖާ ނުރެވިދާނެ ކަމަށް ބެތާނީ އޭނާގެ ދިރާސާ އަށް އިޝާރާތްކުރައްވަމުން ވިދާޅުވެފައިވެ އެވެ.

ކިޑްނީ ބައްޔަށް ދޭ ބޭހުގެ އަސަރު ދުންފަތުގެ ސަބަބުން ކުޑަވެގެން ހިނގައިދާނެ ކަމަށް ބުނެފައި ވަނީ ފަސް އަހަރު ވަންދެން ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހުގަ އެވެ. އެ ދިރާސާގައި، ބޭސް ބޭނުންކުރާ މީހުންގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރާ 108 މީހަކާއި ނުކުރާ 108 މީހަކަށް ބޭހުން ކުރި އަސަރު އަޅާކިޔާފައިވެ އެވެ.

ދުންފަތުގެ ސަބަބުން ބޭހުންގެ އަސަރު ކުޑަކޮށް ކިޑްނީން ފެންނަނީ ދުންފަތުން ނާރުތަކަށް ވަރުބަލިކަން ގެނުވާތީ ކަމަށް ބެތާނީ ލަފާކުރައްވަ އެވެ. އެކަމަކު އޭނާ ވިދާޅުވެފައި ވަނީ މިކަމާ ބެހޭ ގޮތުން އަދި އިތުރަށް ބަލަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

ބެތާނީ ލަފާ ދެއްވަނީ ކިޑްނީ އަށް ފަރުވާކުރަން ޖެހިފައިވާ ނަމަ ދުންފަތާ ދުރުހެލިވުމަށެވެ. އަދި ދުންފަތަކީ ކިޑްނީ އަށް ނުރައްކަލެއްކަން ވެސް ފާހަގަކުރައްވާފައިވެ އެވެ.