27 މެއި 2021 - 23:02

ގއ. ވިލިނގިލީގައި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އެ އަތޮޅުގެ ދާންދޫ މީހަކު މަރުވެއްޖެ އެވެ. މިއީ އެ ރަށުން ކޮވިޑް ބަލީގައި މަރުވި ފުރަތަމަ މީހާ އެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "މިހާރު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ، ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދާތާ ހަތް ދުވަސް ފަހުންނެވެ.
މީގެ އިތުރުން މިއަދު އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް އިތުރު ފަރުވާއަށް ގެނައި 78 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ. އޭނާއަށް ވެސް ކޮވިޑް ޖެހިފައިވާ ކަމަށާއި މަރުވެފައި ވަނީ މިއަދުގެ ހެނދުނު 7:30 ހާއިރު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 151 އަށް އަރައިފަ އެވެ. މިއީ މިއަދުގެ ތިން ވަނަ މަރެވެ. މި މަހު މިހާތަނަށް 78 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރަށްރަށުގަ އާއި މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ހާލަތު ގޯސް ރަށްރަށުގައި ކާފިއު ހިންގަން ފަށައިފަ އެވެ.