އިގުތިސާދު މި އަންނަނީ ކޮވިޑްގެ ކުރީގެ ހާލަތަށް އިއާދަވަމުން: އަމީރު
އިގުތިސާދު މި އަންނަނީ ކޮވިޑްގެ ކުރީގެ ހާލަތަށް އިއާދަވަމުން: އަމީރު

ރާއްޖޭގެ އިގުތިސާދު، ކޮވިޑް-19 ގެ ބަލިމަޑުކަން އައުމުގެ ކުރީގެ ހާލަތަށް އިއާދަވަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވިި ދަތިކަމުން އަރައިގަތުމުގައި ރާއްޖެއަކީ މި ފަދަ އެހެން ގައުމުތަކާ އަޅައި ބަލާއިރު ކުރީގައި އޮތް ގައުމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެއް ކަހަލަ ސިފަތައް ހުރި އެހެން ގައުމުތަކާ އަޅާ ބަލާއިރު، އެންމެ އަވަހަށް ހާލަތު ރަނގަޅުވަމުން އަންނަ ގައުމެއްގެ ގޮތުގައި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ފާހަގަކުރެ އެވެ.

"ރާއްޖޭގެ އިގުތިސާދު މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވެގެން ދަނީ ކުރީގައި ހުރި، އަޅުގަނޑުމެންގެ [އިގުތިސާދު] 2019 ގައި ޕެންޑެމިކްގެ ކުރީގައި ހުރި އިގުތިސާދަށް، ރުޖޫއަވަމުންދާ ތަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަލިމަޑުކަމުން އަދި ސަލާމަތް ނުވާތީ އާއި އިގުތިސާދީ ގޮތުން އަދި ކުރީގެ ހާލަތަށް (މުޅިން) ރުޖޫއަވެފައި ނުވާތީ، މިއީ އިގުތިސާދަށް އިތުރު ސަޕޯޓް ދޭން ޖެހޭ ވަގުތެކެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ އަހަރުގެ މާޗްމަހު ރާއްޖެ އޮތް ހާލަތަށް ވުރެ މިހާރުގެ ހާލަތު ރަނގަޅު ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރި ޓޫރިޒަމް އިންޑަސްޓްރީއަށް މައްސަލަތައް ފުރަތަމަ ކުރިމަތިވާން ފެށީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ރާއްޖެއަށް ވެސް ކޮވިޑްގެ ބަލިމަޑުކަމުގެ އަސަރު ކުރަން ފެށީ އޭރުގަ އެވެ.

"އިގުތިސާދީ ކުރިއެރުމާއި ފިސްކަލް ހާލަތާއި ދަރަންޏާއި ކޭޝްފްލޯ މެނޭޖްކުރުމަށް އެޅި ފިޔަވަޅުތަކާ އެއްކޮށް ރާއްޖޭގެ އިގުތިސާދު މިއަދު މިވަނީ މިދިޔަ އަހަރު މާޗްމަހުގެ ހާލަތަށް ވުރެ ރަނގަޅުވެފައި،" އަމީރު ވިދާޅުވި އެވެ.

އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ދޭހަކޮށްްދޭ ކަންތައްތަކުގެ ގޮތުގައި އޭނަ ދެއްކެވީ އިންފްލޭޝަން ރޭޓް މަތިނުވެ ހިފެހެއްޓުމާއި ވަޒީފާ ނެތް މީހުންގެ އަދަދު ދަށަށް ދާން ފެށުމެވެ. ކޮވިޑްގެ ބަލިމަޑުކަމާ ހެދި ވަޒީފާ ގެއްލުނު މީހުންނަށް ދެމުން އައި އިންކަމް ސަޕޯޓް އެލަވަންސް ދޭން ޖެހޭ މީހުންގެ އަދަދު އެހެންވެ މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުން ވެސް ދޭހަވަނީ އިގުތިސާދުގައި ވަޒީފާގެ އިތުރުވާކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް އައި ރަނގަޅު ބަދަލު މިގޮތުގައި ދެމެހެއްޓުމަށް ޓަކައި މިހާރު ހުރި ރިސްކްތައް މެނޭޖްކުރަން ޖެހޭ ކަމަށެވެ. އެފަދަ އެންމެ މުހިއްމު ކަމަކީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުން ކަމަށް ވެސް އޭނަ ވިދާޅުވި އެވެ، އެހެންވެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކަށް ތަބާވެ، ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަން އޭނާ އިލްތިމާސް ކުރެއްވި އެވެ.

"އެންމެ މުހިއްމު ކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮވިޑް-19 ގެ މިހާރުގެ ހާލަތު ކޮންޓްރޯލްކޮށް އަދި ފައްސިވާ ކޭސްތަކުގެ އަދަދު ދަށްވުން،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދު މި އަހަރު ރަނގަޅުވީ ވެސް އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަން މެނޭޖްކުރަން އެޅި ބައެއް ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެފަދަ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ބަލިން ދިފާއުވާން ވެކްސިން ޖަހަން ފެށުމެވެ. އެ ފިޔަވަޅާ އެކު ޓޫރިޒަމް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް އަ އެވެ.

"އޭގެ އިތުރުން ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކެޖާ، އިކޮނޮމިކް ސްޓިމިއުލަސް ލޯނުތަކުން 2021 ވަނަ އަހަރު އިގުތިސާދު އަލުން ކުރިއެރުމަށް މަގުފަހިކޮށްދީފައިވާ ކަމަށް އަޅުގަނޑުމެންނަށް މިހާރު އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށް އަންނާނެ ހެޔޮ ބަދަލުތަކާއި އެކު ރިސެޝަނުން އަރައިގަނެވި 2019 ވަނަ އަހަރު އިގުތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތަށް އިއާދަވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.