27 މެއި 2021 - 18:54

މި އަހަރު ރާއްޖެއަށް އަންނާނީ އެއް މިލިޔަން ޓޫރިސްޓުން ކަމަށް ކުރިން ބެލެވުނު ނަމަވެސް އެއަށް ވުރެ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ މި އަހަރަށް ލަފާކުރި ބަޖެޓް އެކުލަވައިލުމުގެ މަސަައްކަތް މިދިޔަ އަހަރު ކުރި އިރު، ފުރަތަމަ ލަފާކޮށްފައި އޮތީ މި އަހަރު ރާއްޖެއަށް އަންނާނީ ހަ ލައްކަ ޓޫރިސްޓުން ކަަަމަށެވެ. އޭގެ ފަހުން ބަޖެޓްގެ އަދަދުތައް ރިވައިސްކޮށްް އެޕްރޫވްކުރި އިރު އަންނާނެ ކަމަށް ލަފާކުރީ، އޭނާ ވިދާޅުވި ގޮތުގައި އެއް މިލިޔަން ޓޫރިސްޓުންނެވެ.
އެކަމަކު މިނިސްޓަރު ވިދާޅުވީ، މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރު ރާއްޖެއަށް 1.5 މިލިޔަނާ ދެމެދުގެ ޓޫރިސްޓުން އަންނާނެ ކަމަށެވެ.
"ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ ޓޫރިސްޓް އެރައިވަލް ރޭޓް އޮތް ވަރަށް އިއާދަވާނެ ކަމަށް މިހާރު ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅުގައި" އަމީރު ވިދާޅުވި އެވެ.
ޓޫރިޒަމް ދާއިރާއަށް އަންނާނެ ކަަމަށް އަންދާޒާ ކުރާ މި ކުރިއެރުމާއި އެކު، އިގުތިސާދީ ގޮތުން ކުރިއަރާ މިންވަރަށްް ވެސް ބަދަލު އަންނާނެ އެވެ. އަމީރުު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އިގުތިސާދީ ދުވެލި، 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެންމެ ބޮޑަށް މިހާރު އަޅުގަނޑުމެންނަށް ލަފާކުރެވެނީ އިގުތިސާދީ ކުރިއަރާނީ ގާތްގަނޑަކަށް 22.7 އިންސައްތައިގައި ކަމަށް،" އޭނާ ވިދާާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބި، އެކަމުގެ ސަބަބުން އިގުތިސާދު ރަނގަޅުވި އެއް ސަބަބުކަމަށް އަމީރު ވިދާޅުވީ ކޮވިޑްގެ ވެކްސިން ލިބުމެވެ. ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްތަކާއި އިކޮނޮމިކް ރިކަވަރީ ޕެކޭޖްތަކުގެ ސަބަބުން ވެސް އިގުތިސާދަށް ކުރިއެރުން ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރާއްޖެއަށް ކުރިމަތިވި ރިސެޝަނުން އަރައިގަނެވޭނެކަމަށް މިހާރު ލަފާކުރަނީ 2023 ވަަނަ އަހަރު އެވެ.
ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލްކުރަން އެޅި ފިޔަވަޅެއްގެ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. އެއަށް ފަހު އަލުން ހުޅުވީ މިދިޔަ ޖުލައިމަހު އެވެ. އޭރުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާން ފެށި ނަމަވެސް މިހާރު ރާއްޖޭގައި ބަލި ފެތުރޭ ވަރު އަނެއްކާވެސް އިތުރުވެ، ޓޫރިޒަމަށް އޭގެ ނުބައި އަސަރުދަނީ ކުރަމުންނެވެ.