އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް އިން ކާޑު ދޫކުރަނީ
އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލް އިން ކާޑު ދޫކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޭން ނިންމައިފި އެވެ.

މި ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމަޔަށް މި ސެންޓަރު ހުޅުވާނެ އެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަންއަށް، ވަކި އަދަދެއްގެ ކަސްޓަަމަރުންނަށް ކަމަށެވެ. މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕާމިޓް އޮންނަ ކަސްޓަމަރުންނަށެވެ. ކަސްޓަމަރުންނަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކާޑު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

ކާޑު ނަގަން އަންނަ އިރު މާސްކު އަޅައިގެން ތިބުމަށާއި ކަސްޓަމާ ސާވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމަށް ބީއެމްއެލް އިން އެދިފައިވެ އެވެ. އަދި ހިދުމަތް ހޯދަން އަންނަ ހުރިހާ ކަސްޓަމަރުން އަމިއްލަ ގަލަން ގެނައުމަށާއި ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް ވެސް އެދިފައިވެ އެވެ.

ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ހޯދުމަށް ބޭންކަށް އަންނާކަށް ނުޖެހޭނެ އެވެ. މި ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.