މިނިސްޓަރު އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކުގެ ކުރީގެ އެކްޓިން ޗީފް
މިނިސްޓަރު އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކުގެ ކުރީގެ އެކްޓިން ޗީފް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެޑްވައިޒަރަކަށް ވޯލްޑް ބޭންކްގެ ކުރީގެ އެކްޓިން ޗީފް ޑރ. ޝާންތާ ދޭވްރާޖަން ހަމަޖައްސައިފި އެވެ. ނަމަވެސް އޭނާ އަށް ދިވެހި ސަރުކާރުން ދޭ މުސާރަ އާއި އިނާޔަތެއް ހާމައެއް ނުކުރެ އެވެ.

ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކްގެ އެކްޓިން ޗީފްގެ އިތުރުން ސީނިއާ ޑިރެކްޓާ ފޯ ޑިވެލޮޕްމެންޓް އިކޮނޮމިކްސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

އަމީރު ވިދާޅުވީ، ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކޮވިޑްގެ މި ހާލަތުގައި ކަންކަން ނިންމުމުގައި އޭނާގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.

"ޑރ. ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ

ޑރ. ޝާންތާ އަކީ ޖޯޖްޓައުން ޔުނިވަސިޓީގެ ޕްރެކްޓިސް އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ކުރީގެ ޕްރޮފެސަރެކެވެ. އަދި ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތް އެފްރިކާ އަދި ސައުތު އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު ތައްޔާރު ކުރުމުގައި ވެސް މަސައްކަތް ކުރެއްވި އެވެ

ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ، ހަވާޑް ޔުނިވާސިޓީގައި ވެސް ޑރ. ޝާންތާ މަސައްކަތް ކުރެއްވި އެވެ.

އޭނާ ޕީއެޗްޑީ ހާސިލު ކުރެއްވީ، އިގްތިސާދީ ދާއިރާ އިން ޔުނިވާސިޓީ އޮފް ކެލިފޯނިއާގަ އެވެ. އަދި ޕްރިންސްޓަން ޔުނިވާސިޓީން ހިސާބުގެ ރޮނގުން ޑިގްރީ ހާސިލް ކުރެއްވި އެވެ.