21 ނޮވެމްބަރ 2016 - 06:16

އިނގިރޭސިވިލާތުގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ އަޑެލް މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ދުވަސް އަދި އިއުލާން ނުކުރި ނަމަވެސް، އޭނާ ރައްޓެހިވެގެން އުޅޭތާ ފަސް އަހަރުވެފައިވާ ލޯބިވެރިޔާ އަދި ދަރިފުޅުގެ ބައްޕަ ސައިމަން ކޮނެކީއާ ދެ މީހުން މިދިޔަ މަހުގެ ތެރޭގައި ވަނީ އެންގޭޖްވެފަ އެވެ.

ސައިމަންއަކީ ހައިރާތަށް މަސައްކަތް ކުރާ ޖަމިއްޔާ "ޑްރޮޕް4ޑްރޮޕް" ގެ ވެރިޔާ އެވެ.

ސައިމަން، 42، އާއި އަޑެލް، 28، ކައިވެނި ކުރާއިރު އަޑެލްގެ ދަރިފުޅަށް ހަތަރު އަހަރެވެ. ސައިމަންގެ ނުވަ އަހަރުގެ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ.
މަޝްހޫރު އެތައް ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސް ދީފައިވާ އަޑެލް ބޭނުން ވަނީ ވަރަށް އާދައިގެ ހަފުލާއަކުން ކައިވެނީގެ ރަސްމިއްޔާތުގެ އުފާ ލިބި ގަންނާށެވެ. މިލިއަނަރަކަށް ވިޔަސް ކައިވެނީގެ ބޮޑު ހަފުލާއެއް ބޭއްވުމުގެ އެއްވެސް ޕްލޭނެއް ނެތެވެ.
ރަސްމިއްޔާތަށް ބޮޑު ޕްލޭނެއް ނެތަސް ކައިވެނީގެ ހެދުން ލާންޖެހޭ ދުވަހަށް މިހާރުގެ ބަރުދަން ލުއިކޮށް، ހަށިގަނޑުގެ ބައްޓަން ރީތިކޮށްލަން އޭނާ އެބަ މަސައްކަތް ކުރެ އެވެ.
ހަށިގަނޑުގެ ސައިޒަށް މާބޮޑު ސަމާލުކަމެއް ނުދީ އުޅޭ އަޑެލް މިހާރުވެސް ފެންނަނީ ކުރިއާ އަޅާބަލާއިރު ވަރަށް ހިކިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކެއުމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކައިވެންޏާ ހަމައަށް ދާންވާ އިރަށް، އަޑެލް ބޭނުން ވަނީ އޭނާގެ ބައްޓަމުގެ ސައިޒް 10 ނުވަތަ 12 ގައި ބަހައްޓާށެވެ. އޭރުން އޭނާ ފެންނާނީ މިހާރު ފެންނަ ގޮތަށް ވުރެ މާ ބޮޑަށް ވެސް ލޫޅާފަތިކޮށެވެ.