އަބޫ ދާބީގައި އާންމުންނަށް ކުއްޔަށް ދޭން ފީފާ ފެންވަރުގެ ދަނޑެއް
އަބޫ ދާބީގައި އާންމުންނަށް ކުއްޔަށް ދޭން ފީފާ ފެންވަރުގެ ދަނޑެއް

ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައި ހިންގާ ރިޒް-ކާލްޓަން ގްރޭންޑް ކެނަލް ފެސިލީޓިގެ ތެރޭގައި ހެދި ފީފާ ފެންވަރުގެ ފުޓްބޯޅަ ދަނޑު ބުދަ ދުވަހު ދައްކާލައިފި އެވެ

ވިހި ހާސް އަކަމީޓަރުގެ މި ދަނޑު ހާއްސަކޮށްފައި ވަނީ އެ ގައުމަށްދާ ޕްރޮފެޝަނަލް ފިޓްބޯޅަ ޓީމްތަކުގެ ހަރަކާތްތަތަކަށެވެ. އެގޮތުން ދަނޑު ތަރައްގީކޮށްފައި ވަނީ ޕްރީމީލިއާ ލީގް ކޮލިޓީގެ ފެސިލިޓީތަކާ އެކީގަ އެވެ. އޭގެ ތެރޭގައި ކުޅިވަރަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ އެކްސްކްލޫސިވް ކުލަބް ހައުސްކާއި ޕްރައިވެޓް ޖިމަކާއި ރިކަވަރީ ރޫމެއްގެ އިތުރުން ސެވަން ސައިޑް ޕިޗެއްގެ އިތުރުން ކީޕަރުންގެ ޕްރެކްޓިސްތަކަށް ހާއްސަ އޭރިއާއެއް ހިމެނެ އެވެ.

ރިޒް-ކާލްޓަން އިން ބުނި ގޮތުގައި މި ދަނޑަކީ ފުޓްބޯޅައިގެ ހަރަކާތްތަކުގެ އިތުރުން ރަގްބީ އާއި ގޯލްފް ވެސް ކުޅެވޭ ގޮތަށް ބަދަލުކޮށްލެވޭ ހާއްސަ ފީޗާތަކަކާ އެކު ހަދާފައިވާ ތަނެކެވެ. މި ތަން ގަޑިއަކަށް 500 ދިރުހަމް (136 ޑޮލަރު) އަށް ކުއްޔަށް ނެގޭނެ އެވެ.

ކުޅިވަރު ހަރަކާތްތަކުގެ އިތުރަށް އަމިއްލަ ފަރާތްތަކުގެ ބައެއް އިވެންޓްތަކަށް ވެސް ދަނޑު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ކޭމްޕް ފަދަ ހަރަކާތްތައް ހިމެނެ އެވެ.

ރިޒް-ކާލްޓަން އިން ހެދި މި ދަނޑުގައި ތިބޭ އިރު ފެންނާނެ އެންމެ ހާއްސަ އެއް ތަނަކީ މަޝްހޫރު ޝައިހް ޒައިދު މިސްކިތެވެ. ދަނޑުގެ ވަށައިގެންވާ މުޅި ސަރަހައްދަށް ބަލާ އިރު، ހިތަށް ފިނިކަން ގެނުވައިދޭ ކަހަލަ ހިތްގައުމުކަން އެކުލެވޭނެ އެވެ.

ރިޒް-ކާލްޓަން ގްރޭންޑް ކެނަލްގައި ކުރިން ތަރައްގީކޮށްފައިވާ އިތުރު ހާއްސަ ފެސިލިޓީތަކުގެ ތެރޭގައި ރެކްރިއޭޝަނަލް ހަރަކާތްތަކަށް ހަދާފައިވާ 17،000 އަކަފޫޓްގެ ގްރޭންޑް ލޯން އާއި ލަގްޒަރީ ބޯލްރޫމެ ފާހަގަކޮށްލެވެ އެވެ.