ރޯވި ގޭގައި ތިބި ކޮވިޑް ބަލި މީހުން ފެސިލިޓީ އަށް
ރޯވި ގޭގައި ތިބި ކޮވިޑް ބަލި މީހުން ފެސިލިޓީ އަށް

އަލިފާނުގެ ހާދިސާ ހިނގި މއ. މޯނިން ވިއުގައި ތިބި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހުން، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ބަދަލުކޮށްފައިވާ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް މެނޭޖަރު އުމަރު ފިކްރީ ވިދާޅުވެއްޖެ އެވެ.

އެންޑީއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރު ފިކްރީ ވިދާޅުވީ ހާދިސާ ހިނގިއިރު އެ ގޭގައި ތިބީ ކޮވިޑް ޖެހިފައިވާ ތިން މީހުން ކަމަށެވެ. އަދި އެ މީހުން މިހާރު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު މީހުންގެ ތެރޭގައި އެ މީހުންގެ ކޮންޓެކްޓުން ވެސް ހިމެނެ އެވެ. އެ މީހުން ގެންގޮސްފައި ވަނީ މާލޭގެ ހަތް ގެސްޓް ހައުސްއަކަށް ކަމަށް އުމަރު ފިކްރީ ވިދާޅުވި އެވެ.

މޯނިން ވިއުގޭގެ ހުޅަނގަށް ހުންނަ ފަސް ބުރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކާ އެކު ހާލުގައި ޖެހުނު 32 މީހެއްގެ ތެރެއިން 29 މީހަކު ވަގުތީ ހިޔާވަހިތަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަތިހު ފަހެއް ޖަހަނިކޮށް އެ ގޭގައި އަލިފާން ރޯވެގެން ރިޕޯޓްކުރިއިރު އަލިފާން ނިއްވާލެވުނު ކަމަށް ސިފައިން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ.

އާއިލާއިން ބުނި ގޮތުގައި ގެއަށް ލިބުނު ގެއްލުމުގެ އަދަދު ތިން މިލިއަނަށް ވުރެ މައްޗަށް އަރާނެ އެވެ.