20 ނޮވެމްބަރ 2016 - 13:58

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިޚާބު ބާއްވަން އަމުރުކޮށްދޭން އެދި އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން އެ މައްސަލައިގެ ޝަރީއަތް ހިންގަން ނިންމައިފި އެވެ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވިއިރު ވެސް އެ ދެ މަގާމަށް ބޭފުޅުން އިންތިޚާބު ނުކުރާ ކަމަށާއި އެހެންވެ އެ އިންތިޚާބު ބާއްވަން އެ ޕާޓީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.
އެ މައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ލިބޭތޯ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން މަރުހަލާގައި މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބު ނުވުމުން މިދިޔަ ބުދަދުވަހު އެ ޑިވިޝަނުން ނިންމީ މައްސަލަ ޝަރީއަތް ކުރާ ޑިވިޝަނަށް ފޮނުވުމަށެވެ.
އެހެންވެ ދެން އެ މައްސަލާގެ ޝަރީއަތް ފަށައި، ކޮންމެވެސް އެއް ގޮތަކަށް މައްސަލަ ނިންމާނެ އެވެ.
އެމްޑީޕީއާ ދެކޮޅަށް އަލްހާން މައްސަލަ ހުށަހަޅާފައި ވަނިކޮށް ސުލޫކީ މައްސަލައެއްގައި އޭނާ އެ ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، އެ މައްސަލަ ކޯޓާ ހަމައަށް ގޮސް، ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެ މައްސަލާގައި ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ވަނީ ދެ ބައިވެފަ އެވެ.