27 މެއި 2021 - 12:36

ކޮވިޑް-19 ވަބާއިން އިންޑިޔާއިން އެންމެ ފަހުން އުފެދި، އެންމެ ހަލުވިކޮށް ފެތުރެމުންދާ ބާވަތަށް، "އިންޑިޔާ ވޭރިއެންޓް" ކިޔުން ހުއްޓުވުމަށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ހިންގާ ކުންފުނިތަކަށް، އިންޑިއާ ސަރުކާރުން ބާރުއަޅަން ފަށައިފި އެވެ.
އިންޑިޔާ އިން ބުނާ ގޮތުގައި، އެ ގައުމަށް ނިސްބަތްކުރި ކަމުގައި ވިޔަސް، ކޮވިޑް-19 އިން އެންމެ ފަހުން އުފެދުނު ވޭރިއަންޓްގެ ސައިންޓިފިކް ނަމަކީ އެއީއެއް ނޫނެވެ. އަދި އިންޑިޔާއާ ގުޅުވައިގެން އެ ނަން ބޭނުންކުރާތީ، އެގައުމުގެ ތަސައްވަރު ހުތުރުވަމުންދާ ކަމަށް ވެސް އިންޑިޔާއިން ބުނެއެވެ. އިންޑިއާއިން ފެނުނު ވޭރިއަންޓަށް މިހާތަނަށް ބޭނުންކުރަމުން އަންނަ ސައެންޓިފިކް ކޯޑަކީ (B.1.617.2)އެވެ.
އިންޑިޔާއިން އެދުނު ކަމަށް ވިޔަސް، ސޯޝަލް މީޑިއާ ކުންފުނިތަކުން، އެކަން އެ ގޮތަށް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ، މިދިޔަ ދުވަސްތަކުގައި ޝާއިއުކުރި ހަބަރުތަކުގަޔާއި، މެސެޖްތަކާއި ޝާއިއުކުރި އެނޫން އެއްޗެހީގައި ވެސް، ގުނައި އަދަދު ނުކުރެވޭ ވަރަށް އެ އިބާރާތް ބޭނުންކޮށްފައިވާތީ އެވެ.
އެއްވެސް ބައްޔެއް ނުވަތަ ވަބާއެއް އުފެދޭ ތަނަކަށް ނިސްބަތްކޮށް، އެއްވެސް ބައްޔެއް ނުވަތަ ވަބާއަކަށް ނަން ދިނުމަކީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ)ގެ 2015 ވަނަ އަހަރުގެ ގައިޑްލައިނާ ޚިލާފު ކަމެކެވެ.
ކޮވިޑް-19 އަކީ ޗައިނާއިން އުފަންވި ކަމަށް ބެލެވޭ ވަބާއަކަށް ވާތީ، އެ ބަލި ފަތުރާ ވައިރަހަށް، އެމެރިކާގައި ޗައިނާ ވައިރަސް ކިޔުން އާންމުވެފައިވާތީ، އޭޝިޔާ ދަރިކޮޅުގެ މީހުންނަށް އެކި ބާވަތުގެ ފުރައްސާރަކުރުމާއި ހަމަލާ ދިނުމުގެ އަމަލުތައް އެމެރިކާގައި ވަނީ އިތުރުވެފަ އެވެ.
ހަމައެގޮތަށް، އިންޑިއާގައި ކޮވިޑް-19ގެ އާ ބާވަތެއް އުފެދި ފެތުރެން ފެށުމުން، އިންޑިޔާ ދަރިކޮޅުގެ މީހުންނަށް ވެސް ފުރައްސާރައިގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެ ގޮތުން ސިންގަޕޫރުގައި ކޮވިޑް ބަލި ފެތުރުން، މިމަހުގެ ކުރީކޮޅު އިތުރުވެފައި ވަނިކޮށް، އެގައުމުގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ އަންހެނަކަށް، އެކަމާ ގުޅުވައިގެން ފުރައްސާރަކޮށް ހަމަލާ ދީފައިވެ އެވެ.
އޭގެ ފަހުން، ކޮވިޑާ ގުޅުވައިގެން އެއްވެސް ގައުމަކަށް ނިސްބަތްކޮށް، މީހުންގެ ހިތްތަކުގައި އަނެކުންނާ މެދު ނަފްރަތު އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުން ސިންގަޕޫރުގައި ވަނީ މަނާކޮށްފަ އެވެ.
އަލަށް އުފެދޭ ކޮވިޑް-19ގެ އެކި ބާވަތްތަކަށް، އެ ބާވަތްތައް ފާޅުވާ ސަރަހައްދުތަކަށް ނިސްބަތްކޮށް ނަން ނުކިޔުމަށާއި، އަދި އެފަދަ ބާވަތްތަކަށް އެ ޖަމިއްޔާއިން ދީފައިވާ ނަންތައް ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލައިފަ އެވެ. އެގޮތުން އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ބަލީގެ ބާވަތަށް (B.1.1.7)ގެ ނަން ދީފައިވާ އިރު، ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ ބާވަތަށް ދީފައިވާ ނަމަކީ (B.1.351) އެވެ.
ނަމަވެސް ގިނަ ބަޔަކު ދުލަށް ފަސޭހައަކަށް، މިއިން ކޮންމެ ބާވަތެއްގެ ކޮވިޑަށް ވެސް ނިސްބަތްކުރަމުން ދަނީ، އެ ބާވަތެއް ފެނުނު ތަނެއްގެ ނަމުންނެވެ. އެހެންކަމުން، ފަސޭހައިން ކިޔޭ ކަހަލަ ނަންތަކެއް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.