ގާޒާ އާރާސްތުކުރަން އެމެރިކާއިން 360 މިލިއަން ޑޮލަރު
ގާޒާ އާރާސްތުކުރަން އެމެރިކާއިން 360 މިލިއަން ޑޮލަރު

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން، ފަލަސްތީނުގެ ގާޒާއަށް ދިން އުދުވާނީ ހަމަލާތަކުގައި، އެ ސަހަރު އަލުން އާރާސްތުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާއިން 360 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު، ފަލަސްތީނަށާއި އިޒްރޭލަށް ކުރެއްވި ދަތުރު ނިންމަވާލައްވައި، އިއްޔެ މިސްރުގެ ވެރިރަށް ގާހިރާއަށް ވަޑައިގަންނަވަމުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް ދޭ ކުއްލި އެހީގެ ގޮތުގައި އެމެރިކާއިން 360 މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. އަދި ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ގާޒާގެ ތަރައްގީއަށް، ބައިނަލްއަގުވާމީ މުޖްތަމައުން އިތުރު އެހީ ހޯދަން، އެމެރިކާއިން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާގެ ޓުވީޓްގައި ވިދާޅުވި އެވެ.

އެމެރިކާ އިން އެހީ ދޭނެކަން މި ހާމަކުރީ، ގާޒާ އާރާސްތުކުރުމަށް، މިސްރުން ވެސް 5000 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެ ކަމަށް އިއުލާންކޮށްފައި ވަނިކޮށެވެ.

ބްލެންކިން އިއްޔެ ވިދާޅުވި ގޮތުގައި، ގާޒާ އާރާސްތުކުރުމަށް މިހާރުން މިހާރަށް، އެމެރިކާއިން 5.5 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި ގެދޮރު ގެއްލިފައިވާ މީހުންނާއި ރެފިއުޖީންގެ ގޮތުގައި ގާޒާއިން ބޭރަށް ގޮސްފައިވާ މީހުން އަލުން ގާޒާގައި ވަޒަންވެރިކުރުމުގެ މަސައްކަތަށް، އދ.ގެ ކަމާ ގުޅޭ އިދާރާތައް މެދުވެރިކޮށް، އެމެރިކާއިން 33 މިލިއަން ޑޮލަރު ދޭނެ އެވެ.

ގާޒާއަށް އެހީވުމަށް އެމެރިކާއިން އެހީ ދޭނެކަން ބްލެންކިން އިއުލާން ކުރެއްވުމާއެކު، އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ، އެމެރިކާއިން ގާޒާއަށް އެހީތެރިވެދިނުމުގައި މިސްރުން ވެސް ދައުރެއް އަދާކުރާނެ ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ އެކު، ގާޒާގައި ތިބި ބަލި މީހުންނާއި ހަނގުރާމައިގައި ޒަހަމްވެފައި ތިބި މީހުން ފަރުވާއަށް މިސްރަށް ގެނައުމަށް، މިސްރުން ވަނީ ރަފަހް ބޯޑަރު ހުޅުވާލައިފަ އެވެ. އަދި މިސްރުން ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމުގެ ގޮތުން ކާބޯތަކެއްޗާއި އަންނައުނާއި، ބޭސް ފަދަ ތަކެތި ވަނީ ފޮނުވައިފަ އެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 253 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ. އަދި ރައްދުގައި، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިޒްރޭލަށް ދިން ރޮކެޓް ހަމަލާތަކުގައި، އިޒްރޭލުގެ 12 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ.