މުރްނާލް ބޭނުމީ ޝާހްރުކާ އެކީ އަސަރު ގަދަ ލޯބީގެ ފިލްމެއް
މުރްނާލް ބޭނުމީ ޝާހްރުކާ އެކީ އަސަރު ގަދަ ލޯބީގެ ފިލްމެއް

މިހާރު ކުރެވޭ އެންމެ ބޮޑު އެއް އުންމީދަކީ ޝާހްރުކް ޚާނާ އެކު ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމެއް ކުޅެން ލިބޭނެ ދުވަހެއް ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ މުރްނާލް ތާކޫރް ބުނެފި އެވެ.

ރިތިކް ރޯޝަނާއި ޖޯން އަބްރަހަމާއި ޝާހިދު ކަޕޫރާއި ފަރުހާން އަޚްތަރު ފަދަ އެކްޓަރުންނާ އެކު މަސައްކަތްކޮށްފައިވާ 28 އަހަރުގެ ބަތަލާ ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެންމެ ބޮޑު ހުވެފަނަކީ ޝާހްރުކާ އެކީ ހިންދީ ސިނަމާގައި ކަލްޓަކަށްވާ ކަހަލަ ލޯބީގެ ފިލްމެއް ކުޅެން ލިބުން ކަމަށެވެ.

އޭނާ ބުނި ގޮތުގައި ޝާހްރުކްގެ 2003 ގެ "ކަލް ހޯ ނަހޯ" އާއި 2004 ގެ "ވީރު-ޒާރާ" ފަދަ ފިލްމުތަކަކީ ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ ފިލްމުތަކެއް ކަމަށެވެ.

"އެ ސްޓައިލްގެ ވަރަށް ވެސް ރޮމޭންޓިކް ފިލްމަކަށް މިހާރު ޝާހްރުކާ އެކީ އުންމީދުކުރެވެނީ. ތެދަށް ބުނަންޏާ ކަލްޓަކަށްވާ ކަހަލަ ލޯބީގެ ފިލްމެއް ޝާހްރުކާ އެކީ ކުޅެން ބޭނުން ވަނީ،" މުރްނާލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި 2000 ގެ ކުރީކޮޅު ނުކުތް ޝާހްރުކްގެ ގިނަ ފިލްމުތަކަކީ ބަލައި ފޫހިނުވާ ކަހަލަ ރީތި ފިލްމުތަކެކެވެ. އެހެންވެ ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި އެފަދަ ފިލްމެއްގައި މަސައްކަތްކުރަން ލިބުމަކީ ލިބޭނެ އެންމެ ބޮޑު އުފަލަށް ވާނެ ކަމަށް ބުންޏެވެ.

މުރްނާލް ބުނީ މަދޫ އާއި އަރުވިންދު ސްވާމީގެ 1992 ގެ "ރޯޖާ" އަކީ ވެސް ހިތުންނުފިލާ ފިލްމެއް ކަމަށެވެ.

"އެފަދަ ފިލްމުތަކުގައި ކިޔައިދީފައި ހުންނަ ލޯބީގެ ވާހަކަތައް އަހަންނަށް އަބަދު ވެސް ވަރަށް ކަމުދޭ. ވަރަށް ބޭނުން އެ ސްޓައިލްގެ ފިލްމުތަކެއްގައި މަސައްކަތްކުރަން." ކުރިއަރަމުން އަންނަ ބަތަލާ ބުންޏެވެ.

ރިތިކާ އެކު 2019 ގެ "ސުޕަ 30" އަދި ޖޯންއާ އެކު "ބަތުލާ ހައުސް" ކުޅުނު މުރްނާލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރުން ފަސްކޮށްފައިވާ ފަރުހާންގެ "ތޫފާން" އާއި ނޮވެމްބަރު 5 އަށް ތާވަލުކޮށްފައިވާ ޝާހިދުގެ "ޖާޒީ" ހިމެނެ އެވެ.

އިތުރު ފިލްމުތަކުގެ ތެރޭގައި އަބިމަންޔޫ ދައްސާނީއާ އެކު ފެނިގެންދާނެ "އާނކް މިޗޯލީ" އާއި ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރާ އެކު ކުޅޭ "ޕިއްޕާ" އަދި ތެލެގޫ ފިލްމެއް ހިމެނެ އެވެ.

މުރްނާލް ބުނި ގޮތުގައި އޭނާ އަށް އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީން ވަރަށް ގިނަ ހުށަހެޅުންތަކެއް ވެސް އަންނަނީ ލިބެމުންނެވެ.

"ހަމައެކަނި އިންޑިއާގެ ފިލްމުތަކެއް ނޫން އަހަރެން ބޭނުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކުރަން." 2018 ގެ "ލަވް ސޯނިއާ" ގެ ބަތަލާ ބުންޏެވެ.

ބަތަލާއެއްގެ ގޮތުގައި މުރްނާލް އާންމުންގެ ތެރޭގައި މަޝްހޫރުވީ ޒީޓީވީގެ ސިލްސިލާ "ކުމްކުމް ބަގިއާ" އިންނެވެ. އޭގައި 2014-2016 އަށް މަސައްކަތްކުރުމަށް ފަހު، އޭނާ ޓީވީ އިންޑަސްޓްރީ ދޫކޮށްލީ ފިލްމުތަކުން ފުރުސަތު ލިބެން ފެށުމުންނެވެ.