28 މެއި 2021 - 09:48

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ރޮނާލްޑީނިއޯ އަށް ގޯލްޑެން ވިސާ ދޫކުރި ޔޫއޭއީ އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތަށް ވެސް އެ ވިސާ ދޫކޮށްފި އެވެ.
މިއީ އެ ގައުމުން ދޫކުރާ އެކްސްކްލޫސިވް ވިސާއެކެވެ. އެ ވިސާ ލިބުމާ ގުޅިގެން ސަންޖޭ ވަނީ ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އެ ގައުމުގެ އޮފިޝަލުންތަކާ އެކު ނަގާފައިވާ ފޮޓޯތަކަކާ އެކު ކުރި ޓްވީޓެއްގައި ބުނީ ޔޫއޭއީގެ ގޯލްޑެން ވިސާ ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
މަޝްހޫރު އަދި ނުފޫޒު ގަދަ މީސްމީހުންނަށް ޔޫއޭއީ އިން 10 އަހަރަށް ގޯލްޑެން ވިސާ އާންމުކޮށް ދޫކޮށް އުޅެނީ އެ މީހުންގެ ދާއިރާތަކުން ޔޫއޭއީގައި ހިދުމަތް ވެސް ކޮށްދޭން މަގިފަހިކޮށް ދިނުމުގެ ގޮތުންނެވެ. ޔޫއޭއީ އަކީ ތަރައްގީ އާއި ކުރިއެރުމުގެ މައިދާނުގައި މެދުއިރުމަތީގައި އެންމެ ފާހަގަކޮށްލެވޭ ގައުމެވެ.
މަސްހުނި އާބާދީއެއް އޮންނަ ގައުމުގެ 80 ޕަސެންޓަކީ އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ.
ސަންޖޭ އަށް ޔޫއޭއީ އިން ގޯލްޑެން ވިސާ ލިބުނު އިރު އޭނާ އެންމެ ގިނައިން އާއިލާއާ އެކު ޒިޔާރަތްކުރާ އެއް ގައުމަކީ ވެސް އެއީ އެވެ. ސަންޖޭގެ އަންހެނުން މާންޔަތާ ދަތުގެ އާއިލާގެ ވަރަށް ގިނަ ބަޔަކު އުޅެނީ ޔޫއޭއީގަ އެވެ.
މިދިޔަ އަހަރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދި ސަންޖޭ، 61، ގެ ކުރިއަށް ހުރި ފިިލްމުތަކުގެ ތެރޭގައި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އާއި "ކޭޖީއެފް: ޗެޕްޓާ 2" އާއި "ޝަމްޝޭރާ" އަދި "ޕްރިތުވީރާޖް" ހިމެނެ އެވެ.
އޭނާގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "ތޯރްބާޒް" އާއި "ސަޅަކް 2" އެވެ.