ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މާލޭގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ސިފައިން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ މއ. މޯނިން ވިއުގެ ތިން ވަނަ ބުރީގަ އެވެ. އެތަނުގައި ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު 5:00 ގައި ކަމަށެވެ.

ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ
ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އަލިފާން ނިއްވާލެވުނު ކަމަށް ސިފައިން ބުނީ ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ދޮޅު ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ތަނުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަނދައި ހުލިވެފަ އެވެ.

ރޯވި އިމާރާތަކީ ހަތަރުބުރި އަށް، ލަކުޑިން ޑެކް އަޅައިގެން ހަދާފައިވާ ގެއެކެވެ. ހާދިސާ ހިނގި ތަނުގައި ސިފައިން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ރޯވި ބައިގެ އިތުރުން މުޅި ގެޔަށް ވެސް އަލިފާނުގެ ހޫނުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ އަދި އިތުރަށް ބެލުމަށް ފަހުގައި ކަމަށް ބުންޏެވެ.

ރޯވި އިމާރާތުގައި ގިނަ ބަޔަކު އުޅޭ ކަމަށާއި އަލިފާނުގެ ސަބަބުން އެއިން މީހަކަށް އަނިޔާ ވެފައި ނުވި ނަމަވެސް ރޯވުމާ އެކު އިމާރާތުން ނުކުމެ ސަލާމަތްވާން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް ސިފައިން ބުންޏެވެ.

ހާދިސާ ހިނގި ތަނަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ވިދާޅުވީ ގޭގެ މީހުންނާ ވާހަކަ ދެއްކުމުން، އަލިފާން ނިއްވަން ސިފައިންނަށް އާދެވުނީ ފަންސާހަކަށް މިނެޓް ފަހުން ކަމަށް ބުނެފައިވާ ކަމަށެވެ. ރިޕޯޓްކުރި އިރު ރޯވެފައި ހުރީ ވަރަށް ކުޑަކޮށް ކަމަށާއި އެކަމަކު އަލިފާންގަނޑު ފެތުރި ބޮޑަށް ރޯވި އިރު ވެސް އަލިފާން ނިއްވަން ރަނގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށް، ގޭގެ މީހުންނާ ހަވާލާދީ މުއިއްޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުޑަކޮށް ނިމެން އޮތް ކަމެއް، ބޮޑު ހާދިސާއަކަށްވީ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސިފައިންނާ ސިޓީ ކައުންސިލުން ބައްދަލުކުރާނެ ކަމަށެވެ.

ހާދިސާ ހިނގި ތަނަށް ޑިފެން މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަޑައިގެން ވިދާޅުވީ ރޯވި ގޭގެ ބައެއް މީހުންނަށް ވާހަކަ ދައްކާލުމުން، ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ބުނެފައިވާ ކަމަށެވެ.

"މިކަހަލަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު ހަމަ އަބަދުވެސް، ކަން ހިނގައިގެން އުޅޭ މީހުން ހަމަ އަބަދުވެސް ބޭނުންވާނެ ވީހާވެސް އަވަހަކަށް ކަންކަން ... އަލިފާން ވެސް ހަމަ ވަގުތުންވަގުތަށް ނިވެން. އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވޭ. އަޅުގަނޑުމެން ގޭގަ ރޯވިޔަސް އެގޮތަށް އަޅުގަނޑުމެން ފެންނާނީ،" މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރި ނަމަ އެ ކަންކަން ބަލައި، ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ ސިޔާސީ ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށާއި މި ވަގުތު ހުރިހާ ކަމެއް އެއްފަރާތްކޮށްފައި ބަލަންވީ އެހީތެރިވާން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަނުގައި ރޯވެ އަނދައި ހުލިވި އިރު އަލިފާން ނިއްވަން ސިފައިންނަށް ރަނގަޅަށް މަސައްކަތް ނުފެށޭ ކަމަށް ގޭގެ މީހުން ބުނި ނަމަވެސް، ހާދިސާ ހިނގި ތަނުގައި ސިފައިން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ހާދިސާގެ ރިޕޯޓް ލިބުނުތާ ދެ މިނެޓެއްހާއިރު ތެރޭ ސިފައިން އެތަނަށް ގޮސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކައިރީގައި ހުރި އެހެން ބައެއް އިމާރާތްތަކަށް ވެސް ހޫނުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށް ބުންޏެވެ. ސިފައިން ބުނި ގޮތުގައި ރޯވި ގޭގައި ޑެކް އަޅާފައި ހުރުމުގެ އިތުރުން ސިޑިތައް ވެސް ހުރީ ލަކުޑިން ކަމަށެވެ.

ސިފައިން ބުނި ގޮތުގައި ރޯވި އަލިފާން ފެތުރިގެން ދިޔަ ނުދީ ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ. ރޯވި އިމާރާތް ނޫން އެހެން އެއްވެސް އިމާރާތަކަށް އަލިފާންގަނޑު ފެތުރިގެން ނުދާ ކަމަށް ބުންޏެވެ. ސިފައިން ބުނި ގޮތުގައި ރޯވި ގެއިން ސަލާމަތްވާން ބައެއް މީހުން ނުކުމެފައި ވަނީ ދޮރުތައް ހަލާކުކޮށްލައިގެން ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގެ އެކި ބައިތަކުގައި ސާޅީހަކަށް މީހުން އުޅޭނެ ކަމަށް އެ ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އެ މީހުން މީހުން މިހާރު ގެންގޮސް ތިބީ ޣިޔާސުއްދީން ސްކޫލްގަ އެވެ. ގޭގައި އެ ގޭ މީހުން ވެސް ބުނީ ރޯވާން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށެވެ.