22 ނޮވެމްބަރ 2016 - 06:17
ޑްރޯންއެއް އުދުހެނިކޮށް އޭގެ ބެޓެރީ ޗާޖުކުރެވޭނެ ގޮތެއް ސައިންސްވެރިން އީޖާދުކޮށްފި އެވެ.
އިމްޕީރިއަލް ކޮލެޖް ލަންޑަންގެ މި އީޖާދުގެ ސަބަބުން ޑްރޯންއެއް ކިތަންމެ އިރަކު ވެސް ވައިގެ ތެރޭގައި ގެންގުޅެވިދާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. ވައިގެ ތެރޭގައި ޑްރޯން އޮއްވައި އޭގެ ބެޓެރީ ޗާޖުކުރަނީ ތިރީގައި ބާއްވާ ހާއްސަ ވެހިކަލަކާ ދިމާލަށް ތިރިކޮށްލައިގެން، ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށްގެންނެވެ.
މި ޓެކްނޮލޮޖީގައި ބޭނުންކުރަނީ މީގެ 100 އަހަރު ކުރިން ނިކޮލާ ޓެސްލާ ކޮށްފައިވާ އީޖާދެކެވެ. ލޮއެ ނަރުން ހަދާފައިވާ ދެ އެންޓަނާއެއް އެކަތި އަނެކައްޗާ ޓިއުންކޮށް، އެ ދެ އެންޓަނާ މެދުވެރިކޮށް ވަކި ފްރިކުއެންސީއަކުން ހަކަތަ ޓްރާންސްފާކުރެ އެވެ.
މި ޓެކްލޮޖީ އިތުރަށް ތަރައްގީކުރުމަށް ސައިންސްވެރިން މަސައްކަތް ކުރަމުން އަންނަތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް އެއްޗެއް ޗާޖުކުރުމަށް ބޭނުންވާ ހަކަތަ ވަޔަލެސްކޮށް ފޮނުވޭނެ ގޮތެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ނަމަވެސް އިމްޕީރިއަލް ކޮލެޖް ލަންޑަންގެ ސައިންސްވެރިން ވަނީ ކުޑަ ޑްރޯންއެއްގެ ބެޓެރީ ނެގުމަށް ފަހު ވަޔަލެސްކޮށް އެ ޑްރޯން އަށް ހަކަތަ ފޮނުވައިގެން އުދުއްސައިފަ އެވެ. މި ދިރާސާކުރި ސައިންސްވެރިން ބުނެފައި ވަނީ މިއީ ވަޔަލެސްކޮށް ޑްރޯންގެ ބެޓެރީ ޗާޖުކުރެވިދާނެކަން ޔަގީންކުރެވުނު ދިރާސާއެއް ކަމަށާއި އެކި ވައްތަރުގެ ޑްރޯންތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ ކަމަށެވެ.
މި ޓެކްނޮލޮޖީ އަދިވެސް އޮތީ އަޖުމަބެލުމުގެ މަރުހަލާގެ ތެރޭގަ އެވެ. އަދި މިއަށް ވަޔަލެސް ހަކަތާގައި އުދުހެވެނީ މެގްނެޓިކް ފީލްޑް ޓްރާންސްމިޓް ކުރާ ދިމާލުން 10 ސެންޓިމީޓަރު އުހުގަ އެވެ. އެކަމަކު ސައިންސްވެރިން ބުނެފައި ވަނީ ޓެކްނޮލޮޖީ އިތުރަށް ތަރައްގީކޮށް އާންމުކޮށް ލިބޭ ފެންވަރަށް އެއް އަހަރު ތެރޭ ތައްޔާރު ވެވޭނެ ކަމަށެވެ.