26 މެއި 2021 - 23:24

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ހިޔާ" ފްލެޓްތައް ޑައުންޕޭމަންޓް ދައްކަން ނުޖެހޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސްކުރަން ޖެހެނީ 25 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި މަހަކު 7،500ރ. ދައްކާ ގޮތަށް ކަމަށެވެ. އަދި ފްލެޓްތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000ރ. ނަގަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގަން ނިންމިޔަސް، ފްލެޓް ލިބުނު ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވެއްޖެ ނަމަ، އެ މީހުންނަށް އެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާ ފައިސާ ފްލެޓްގެ ޖުމްލަ އަގުން އުނިކޮށް، މަހު ކުލި އެ އަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ފްލެޓެއް ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
ފްލެޓް އެއްބަސްވުމުގައި ސޮއިކުރާ، ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް އެއްްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވަނީ ފްލެޓްތައް ހަވާލުކުރާއިރު ފިނިޝިން މަސައްކަތް ނުނިމެނޭތީ އެކަން ކުރުމަށެވެ.
ފްލެޓްތައް ދޭއިރު ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ. އެކަންކަން ކުރަން ތިން މަސް ދުވަސް ދޭނެ ކަމަށް ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި އެވެ.
މިދިޔަ މާޗު މަހުގެ ފަހުކޮޅު ހިޔާ ފްލެޓްތައް ހަވާލުކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައި ވިޔަސް އެ ބުނި މުއްދަތަށް ވެސް އެކަމެއް ނުވެ އެވެ. ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ލިބެނީ ކޮން އެޕާޓްމަންޓެއްތޯ ބެލުމަށް އެޗްޑީސީން ގުރުނެގުމުގެ މަސައްކަތް ކުރި އެވެ. އެކަމަކު މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް އަޅާފައިވާތީ އެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ. އެޗްޑީސީގެ އިއުލާނުގައި ބުނީ ހާލަތު ރަނގަޅުވެ އެޗްޕީއޭ އިން ލުއި ދިނުމާ އެކު އަނެއްކާ ވެސް އެ މަސައްކަތް ފަށާނެ ކަމަށެވެ.
ބައެއް ޓީވީ ޗެނަލް މެދުވެރިކޮށް ގުރު ނެގުމުގެ ހަރަކާތް ލައިވްކޮށް ދައްކަމުން އަންނަނީ ވީހާ ވެސް ދެފުށް ފެންނަ ގޮތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެ ތަންތަން ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށް ވަދެވޭނެ ތާރީހެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.
ފްލެޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ޓަކައި އެޗްޑީސީން މިހާރު އަންނަނީ ވައިބާ ޗެނަލްއެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.