މާލޭގެ ކޮވިޑްގެ ކޭސްތައް މިއަދު ވެސް 1000 އިން ދަށުގައި ހިފެހެއްޓިފައި
މާލޭގެ ކޮވިޑްގެ ކޭސްތައް މިއަދު ވެސް 1000 އިން ދަށުގައި ހިފެހެއްޓިފައި

މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އިން ދަށުގައި މިއަދު ވެސް ހިފެހެއްޓިއްޖެ އެވެ.

އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،186 ސާމްޕަލްއެއް ނަގާފައިވާއިރު ޕޮޒިޓިވްވީ 1،299 މީހެކެވެ. މީގެ ތެރެއިން މާލެއިން ޕޮޒިޓިވްވެފައި ވަނީ 890 މީހެކެވެ. އަދި ރަށްރަށުން 334 މީހުންނާއި، ރިސޯޓުތަކުން 48 މީހުން، އަދި ސަފާރީތަކުން 10 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން 17 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މާލެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އިއްޔެ އުޅުނީ 835 ގަ އެވެ. ކޭސްތަކުގެ އަދަދު 1،000 އިން ދަށަށް ގޮސްފައި މިވަނީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ވެސް އަޅާފައިވަނިކޮށެެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 59،644 އަށް އަރާފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ ޖުމްލަ 34،621 މީހެކެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 24،867 ގައި އުޅޭއިރު އޭގެ ތެރެއިން 285 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުތަކުގަ އެވެ.

މިއަދު ރާއްޖެއިން ކޮވިޑްގައި މަރުވި ތިން މީހުންނާ އެކު ބަލީގައި މަރުވި މީހުންގެ އަދަދު ވެސް 147 އަށް އަރަ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އާންމުން ބޯލަނބާ ނަމަ ކުރިއަށް އޮތް ދެ ހަފްތާއެއް ފަހުން، ކޭސްތަކުގެ އަދަދު މިހާރަށް ވުރެ ބޮޑަށް ދަށްވާން ފަށާނެ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.