26 މެއި 2021 - 21:17

މި ދުވަސްވަރު އާއްމުން ބޭރަށް ނުކުމެ އުޅުން މަދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ދިރާގުން ހިލޭ އިތުރު ޑޭޓާ ދޭން ނިންމައިފި އެވެ.
ދިރާގުން ބުނީ ކޮވިޑް19-ގެ ގެ ސަބަބުން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކާ އެކު ޑިޖިޓަލް ހިދުމަތްތަކަށް އިތުރަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް، ގޭގައި މަސައްކަތް ކުރުމާއި އޮންލައިން ކްލާސްތައް ނަގަން އަނެއްކާ ވެސް ހަމަޖެހިފައިވާއިރު އިތުރު ޑޭޓާ ދޭން ނިންމީ މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ކަސްޓަމަރުންގެ ތެރެއިން ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނާއި މޯބައިލް ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނީ އަންނަ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގަ އެވެ. މި ޑޭޓާ އެ ދިިރާގު ބޫސްޓާ އަދި އެންޑްއޮންތަކާއި ބަންޑަލްތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.
ހިލޭ އިތުރު ޑޭޓާ ދިނުމަށް ނިންމާފައި ވަނީ އަންނަ މަހަށް އެކަންޏެވެ.
- ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ.
- ޕޯސްޓްޕެއިޑް އަދި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓާއި 200 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ.
- ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު އެލަވެންސް.
- ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް 30 ޕަސެންޓު އިތުރު ޑޭޓާ.
- ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ އިތުރު ޑޭޓާ.
- މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރަކުން ދެ ގުނަ އިތުރު ޑޭޓާ.
- ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭންތަކުން 50 ޕަސެންޓް އިތުރު އެލަވެންސް އާއި މިނީ ޑޭޓާ އެޑްއޮންތަކުން 200 ޕަސެންޓް އިތުރު ޑޭޓާ.
- ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުން އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ޑޭޓާ.
- "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކުރުމުން 100 ޕަސެންޓް އިތުރު އެލަވެންސް.
- ޕްރީޕެއިޑް ޑޭޓާ ސިމްތަކުން އެކްޓިވޭޓް ކުރާ ޑޭޓާ އެޑްއޮންތަކުން 30 ޕަސެންޓް އިތުރު ޑޭޓާ.
- ޑޭޓާ ސިމްތަކުން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު އެލަވެންސް.
މާދަމާއިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކްޓިވޭޓް ކުރާ ބޫސްޓާ އަދި އެޑްއޮންތަކާއި ބަންޑަލްތަކުން ހިލޭ އިތުރު ޑޭޓާ ލިބޭނެ އެވެ.
މީގެ އިތުރުން ދިރާގު "މަމެން" ކަސްޓަމަރުންނަށް މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނުގެ ދަށުން ޖޫން މަހުގެ ނިޔަލަށް އެކްޓިވޭޓް ކުރާ ޑޭޓާ އެޑްއޮންތަކަށް 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
ދިރާގުން ހިލޭ ޑޭޓާ ދޭން ނިންމާފައިވާއިރު މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމަކެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި އޮންލައިންކޮށް ވިޔަފާރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.