ކޮވިޑް ފެސިލިޓީގައި އޮތް މީހަކަށް އޭނާއާ ހަވާލުވެ ހުރި ބިދޭސީއަކު އަނިޔާކޮށްފި
ކޮވިޑް ފެސިލިޓީގައި އޮތް މީހަކަށް އޭނާއާ ހަވާލުވެ ހުރި ބިދޭސީއަކު އަނިޔާކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ދުވަސްވީ މީހަކަށް އޭނާއާ ހަވާލުވެ އާއިލާއިން ފޮނުވާފައި ހުރި ބިދޭސީއަކު އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއަކުން ފެންނަނީ ބަލި މީހާއާ ހަވާލުވެ ހުރި ބިދޭސީ ފިރިހެނަކު، ބަލި މީހާގެ ގައިގައި ޖަހައި ތަނެވެ. އަދި ޖެހުމާ އެކު ބަލި މީހާ ރޯ އަޑުވެސް ވީޑިއޯ އިން އިވެ އެވެ.

ބަލި މީހާ ރޯން ފެށުމާ އެކު، އޭނާއާ ހަވާލުވެ ހުރި މީހާ އެތަނުން ދާ މަަންޒަރު ވެސް ފެނެ އެވެ.

އެ ވީޑިއޯއާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލި މީހާއާ ހަވާލުވެ ހުރި މީހާ އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން އެޓެންޑްވަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި އަނިޔާކުރި މީހާ މިހާރު ވަނީ ބަލި މީހާ ބެލުމުގެ ޒިންމާއިން ދުރުކޮށްފަ އެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީން ބަލި މީހާގެ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އުމުރުން ދުވަސްވީ އެތައް ބަޔަކަށް ފަރުވާ ދެމުން އަންނައިރު ބައެއް އާއިލާތަކުން އެ މީހުންގެ ދުވަސްވީ މައިންބަފައިންގެ ކަންކަން ބެލުމަށް އިތުރު މީހުން ވެސް ފޮނުވަ އެވެ. ބަލި މީހާއާ ހަވާލުވެގެން މީހަކު ހުރި ނަމަވެސް އެތަނުގައި ތިބޭ ނަރުހުން ވެސް ކަންކަން ބަލަހައްޓާނެ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިފަދަ ކަމެއް ހިނގައިގެން މީގެ ކުރިން ފެންމަތި ނުވިޔަސް، އެތަނުގައި ތިބޭ މީހުންނަށް ސިއްހީ ހިދުމަތްތެރިންނަށް އެކަށީގެންވާ ގޮތެއް އަޅާނުލެވޭ މައްސަލަ ފެންމަތިވެފައިވެ އެވެ. އެކަމަކު އަނިޔާކުރި މައްސަލައެއް މިއީ ފެންމަތިވި ފުރަތަމަ ފަހަރެވެ.