މެދުއިރުމައްޗަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް: ބްލެންކިން
މެދުއިރުމައްޗަށް އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް: ބްލެންކިން

މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް އޮތް ހަމައެކަނި އަދި ދާއިމީ ހައްލަކީ، އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމުކުރުން ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލެންކިން ވިދާޅުވެއްޖެ އެވެ.

މިމަހުގެ 10-21 އަށް އިޒްރޭލުން ގާޒާއަށް ދިން އުދުވާނީ ހަމަލާތައް ހުއްޓައިލުމާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގެ ގޮތުން، އެ ސަރަހައްދަށް ކުރައްވާ ދަތުރެއްގައި، ބްލެންކިން އިއްޔެ ވަނީ އިޒްރޭލަށް ވަޑައިގެންފަ އެވެ. ގުދުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޔަހޫދީންގެ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ ކުރިމަގު ޖާމިނުކުރެވޭނެ ހަމައެކަނި ގޮތަކީ، އަދި ފަލަސްތީނަށް ހައްގުވާ ދައުލަތެއް ގާއިމުކޮށްދެވޭނެ ހަމައެކަނި ގޮތަކީ ވެސް، ދެ ދައުލަތް ގާއިމުކުރުމެވެ.

ބްލެންކިން ވިދާޅުވި ގޮތުގައި އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް، މީގެ ކުރިން ކުރި މަސައްކަތްތައް އަލުން ފެށުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އަދި ދެ ދައުލަތް ގާއިމުކުރާ އިރު މަސައްކަތްކުރަންވީ، ގުދުސަކީ ދެ ދައުލަތް ވެސް ހިއްސާވާ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަމަލާ ބަދަލުކުރަން ހުއްޓައިލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށްޓަކައި، ގާޒާ އަލުން އާރާސްތުކުރުމުގައި އެމެރިކާއިން އެހީތެރިވެދޭނެ އެވެ. އަދި ގާޒާއަށް އިންސާނީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވެސް ބްލެންކިން ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ ބްލެންކިން ދެއްކެވި އިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، ދަމަހައްޓަމުން އައީ ހަމައެކަނި އިޒްރޭލު ހިމާޔަތްކުރުމުގެ ސިޔާސަތެކެވެ.

މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 253 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަހަމްވި އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 17،000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 14،500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޮފީސްތަކާއި އެޕާޓްމަންޓްތައް ހުންނަ އެތައް ޓަވަރެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މީގެ ސަބަބުން، 70 ހާހަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ، ބޯހިޔާވަހި ކަމެއް ނެތި މަގުމަތި ވެފަ އެވެ.

ގާޒާގެ ސްކޫލް މަދަރުސާތަކުގެ ތެރެއިން 53 ތަނެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އޭގެ ސަބަބުން، 60،0000 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުމަށް ވަނީ ބުރޫ އަރައިފަ އެވެ. ގާޒާގެ ހަ ހޮސްޕިޓަލަކާއި ސިއްހީ ހިދުމަތް ދޭ 11 މަރުކަޒެއް ވެސް ހަލާކުވި އެވެ. ބޯފެން ވިއުގައިގެ 50 ޕަސެންޓު ހަލާކުވެ، ގާޒާގެ މިލިއަނެއްހާ މީހުން މިހާރު ވެސް ތިބީ، ބަރާބަރަށް ސާފު ބޯފެން ލިބުމުން މަހުރޫމްވެފަ އެވެ.