21 ނޮވެމްބަރ 2016 - 14:14

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރުން އިތުރު ހަ މަހަށް ފަސް ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މިއަދުގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރުމާ ދެކޮޅަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.
މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު ދިރާސާ ކުރި ގައުމީ ސަލާމަތުގެ ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ފާސް ކުރުމަށެވެ.
މިދިޔަ މެއި މަހު ތަސްދީގުކޮށް، އަންނަ ޖެނުއަރީ މަހުުގެ ދެ ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތަށް ކުރިން އޮތް ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ އަންނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން އަމަލުކުރަން ޖެހޭ ގޮތަށެވެ.
މި އިސްލާހަށް ބަހުސް ކުރެއްވި އިދިކޮޅު ގިނަ މެމްބަރުން ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނަކީ މިހާރުން މިހާރަށް އަމަލު ކުރަން ޖެހޭ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ. ކޯޓުތަކުން ކުރަމުން އަންނަ ހުކުމްތަކަށް ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުން ދާއިރު، އިޖުރާއާތްތަކަށް ތަބާނުވެ، ހުކުމް ކުރުން އާންމުވެފައިވާ ކަމަށާއި މީހުންނަށް އަދަބު ދެވެން ޖެހޭނީ އިޖުރާއާތްތަކަށް ތަބާވެގެން ކަން މެމްބަރުން ފާހަގަކުރެއްވި އެވެ.
ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވިސްނުން ތަފާތެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސް ކުރަނީ ޝަރުއީ ދާއިރާ އިތުރަށް އިސްލާހު ކުރުމަށެވެ. ފަނޑިޔާރުން މި ގާނޫނަށް އަހުލުވެރި ކުރަން ފުރުސަތު ދޭން ޖެހޭ ކަން އެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ރިފާއު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ މިގޮތަށް ހުށަހެޅީ އެ ގާނޫނަށް ފުރިހަމަ އަށް އަމަލުކުރަން ފެށޭނީ ކޯޓުތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ތަންފީޒީ އިދާރާތަކުން އެ ގާނޫނުގައި ބުނާ ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްގެން ކަމަށް ވާތީ އެ ޕްރޮގްރާމް ހުރިހާ އިދާރާތަކަށް ހިންގައި ފުރިހަމަކުރުމަށް ކަމަށެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ހިންގުމުގެ ހުރިހާ އުސޫލެއް ބަޔާންކުރާ ގާނޫނެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ޖިނާއީ ކުށްތައް ތަހުގީގު ކުރުމާއި ޝަރީއަތްކޮށް ހުކުމް ކުރުމުގައި މިހާރު ފަނޑިޔާރުންގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ އެތައް ކަމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެތިގެންދާނެ އެވެ.