މޮޑާނާ ވެކްސިން 12 އަހަރުގެ ކުދިންނަށް ބަރާބަރު
މޮޑާނާ ވެކްސިން 12 އަހަރުގެ ކުދިންނަށް ބަރާބަރު

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް، އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން، އުމުރުން 12 އަހަރުގެ ކުދިންނަށް ދިނުމަކީ، ސިއްހީ ގޮތުން ވަރަށް ރައްކާތެރި ކަމެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ކޮވިޑާ ދެކޮޅަށް މިހާތަނަށް އުފެއްދުނު މަދު ބާވަތެއްގެ ވެކްސިން ވެސް އުފެއްދިފައި ހުރީ މަދު އަދަދަކަށް ކަމަށްވާތީ، ގިނަ ގައުމުތަކުގައި ކޮވިޑް ވެކްސިން މިހާތަނަށް ދެމުން އަންނަނީ، އުމުރުން 18 އަހަރުން މަތީ މީހުންނަށެވެ. ނަމަވެސް، އުމުރުން 12 އަހަރުން ފެށިގެން މަތީ މީހުންނަށް، ފައިޒާ ކުންފުނީގެ ވެކްސިން ދިނުމަށް އެމެރިކާ އާއި ކެނެޑާއިން، މިމަސް ތެރޭގައި ވަނީ ނިންމައިފަ އެވެ.

މޮޑާނާ ކުންފުނީގެ ވެކްސިން، އުމުރުން 12 އަހަރުގެ ކުދިންނަށް ދިނުމަކީ ރައްކާތެރި ކަމެއް ކަމަށް، އެކުންފުނިން މި ބުނީ، އުމުރުން 12-17 އަހަރާ ދެމެދުގެ 3700 ކުދިންނަށް މިވެކްސިން ދީގެން ކުރި ދިރާސާތަކަށް ފަހު އެވެ. ދިރާސާގެ އެންމެ ފުރަތަމަ ހޯދުންތައް، ޖޫން މަހުގެ ކުރީކޮޅު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އާއި ބައިނަލްއަގުވާމީ ސިއްހީ އެހެން އިދާރާތަކާ ހިއްސާކުރާނެ ކަމަށް، އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ބޮޑެތި މީހުންނަށް މޮޑާނާ ވެކްސިން ޖެހުމުން، އެމީހުންގެ ހަށިގަނޑުގައި ކޮވިޑްގެ ދިފާއު އުފައްދައިދޭ މިންވަރަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައިވެސް، ކޮވިޑްގެ ދިފާއު އުފައްދައިދެ އެވެ. އަދި އެ ވެކްސިން ދިނުމުން ކުޑަކުދިންގެ ކިބައިން ވެސް ފެންނަނީ، އެވެކްސިން ދޭ ބޮޑެތި މީހުންގެ ހަށިގަނޑުންވެސް ފެންނަ ސައިޑް އިފެކްޓްތައް ކަމަށް ވެސް މޮޑާނާ އިން ބުނެ އެވެ.

މޮޑާނާ އިން ބުނި ގޮތުގައި އެކުންފުނީގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، ދެ ހަފުތާ ފަހުން ދެ ވަނަ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން 93 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކޮވިޑް ދިފާއު ރަނގަޅަށް އުފައްދައިދެ އެވެ.

ކޮވިޑް-19އާ ގުޅޭ ގޮތުން މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި، ކޮވިޑް ޖެހުމުން ކުޑަކުދިންގެ ހާލަތު ނުރައްކާވާ ނިސްބަތް ވަރަށް ދަށެވެ. ކޮވިޑްގެ ސަބަބުން ހާލަތު ބޮޑުވަރުވަނީ، އުމުރުން ދުވަސްވީ މީހުންނާއި އެކު ބަލިތަކަށް ދިގުމުއްދަތަށް ބޭސްކުރަމުން އަންނަ މީހުންނެވެ.

ފައިޒާ ކުންފުންޏާއި މޮޑާނާ ކުންފުނިން މިހާރު ވަނީ، އެ ދެ ކުންފުނީގެ ކޮވިޑް ވެކްސިން، އުމުރުން ހަ މަހުން ފެށިގެން އުމުރުން 11 އަހަރާ ދެމެދުގެ ކުދިންގެ ހަށިގަނޑުގައި އަޖުމަ ބަލަން ފަށައިފަ އެވެ. ނަމަވެސް މިއުމުރުގެ ކުދިންނަށް ދެނީ ބޮޑެތި މީހުންނަށް ދޭ ވަރަށް ވުރެ ކުޑަ ޑޯޒެކެވެ. މި ޓެސްޓުތަކުގެ ނަތީޖާ، މިއަހަރުގެ ސެޕްޓެމްބަރު މަހާއި ޑިސެންބަރު މަހާ ދެމެދު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.