04 ޖޫން 2016 - 11:34

އާލިއާ ބަޓްގެ އާ ފިލްމު "އުޅްތާ ޕަންޖާބު" ގައި އޭނާއަށް ކުޅެންޖެހުނީ ވަރަށް ވެސް ގޮންޖެހުން ބޮޑު ރޯލެކެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ބިހާރުން ހިޖުރަކުރާ އަންހެންކުއްޖެއްގެ ރޯލެވެ.
އާލިއާ ބުނި ގޮތުގައި މި ފިލްމުގައި އޭނާގެ ކެރެކްޓާގެ ޖަޒުބާތުތައް ދައްކުވައިދޭން ވަރަށް އުނދަގޫވި އެވެ. ސަބަބަކީ އޭނާ ކުޅޭ ފިލްމުތަކުގައި ދައްކަން ޖެހޭ އެކިއެކި ޖަޒުބާތުތައް ދައްކަނީ އޭނާ އަމިއްލަ އަށް ކަމަށް ވާތީ އެވެ. ނަމަވެސް މިފަހަރު ކުޅެން ޖެހުނު ކެރެކްޓާއަކީ އެއްވެސް ޖަޒުބާތެއް ނުހުންނަ ކެރެކްޓާ އެކެވެ.
އޭނާގެ ކެރެކްޓާ ހަރަކާތްކުރަންޖެހޭ ގޮތާ ގުޅޭ ގޮތުން އާލިއާ ވަނީ ޑައިރެކްޓަރު އަބީޝެކް ޗުބޭ އާ ވަރަށް ދިގުކޮށް ވާހަކަ ދައްކާ މަޝްވަރާ ކޮށްފަ އެވެ. ސަބަބަކީ އެ ކެރެކްޓާ ހުންނަން އޭނާ ބޭނުންވާ ގޮތަކީ އާލިއާގެ ކިބައިގައި ހުރި ގޮތަކަށް ނުވާތީ އެވެ. އެހެންކަމުން ޑައިރެކްޓަރުގެ ނަޒަރިއްޔާތަށް ބަލައި އާލިއާ ޖެހުނީ އޭނާ އަމިއްލަ ގޮތްތަކެއް އެ ކެރެކްޓާއަށް ގެންނާށެވެ. ސަބަބެއް ކަމަށް އާލިއާ ބުނީ އެ ފިލްމުގައި އޭނާ ކުޅޭ ޕިންކީގެ ކެރެކްޓާ އަމަލުކުރާ ގޮތަކީ އޭނާގެ ޒާތީ ދިރިއުޅުމުގައި ދުވަހަކުވެސް އޭނާ ކަންތައް ކުރާނެ ފަދަ ގޮތަކަށް ނުވާތީ އެވެ.
ޝާހިދު އެ ފިލްމުގެ ބަތަލުގެ ރޯލު އަދާކުރުމަކީ ވެސް އާލިއާއަށް ލިބުނު އިތުރު ހިތްވަރެކެވެ.
"ދުވަހަކުވެސް ބަނގުރާ ތިއްކެއްގެ މިންވަރު ވެސް ރަހަ ވެސް ބަލާލާފައިނުވާ ޝާހިދު މަސްތުވާ ތަކެތީގެ އަވައިގައި ޖެހިފައިވާ ޒުވާނެއްގެ ރޯލު ކުޅުނުލެއް މޮޅުކަމުން ކީކޭ ބުނާނީ. ފިލްމު ސެޓުން އޭނާ ފުރަތަމަ ދުވަހު ގަތީ އަމަށަކު ބިރެއް ނޫން،" ޝާހިދު އަށް ތައުރީފުކުރަމުން އާލިއާ ބުންޏެވެ.
އާލިއާ ބުނި ގޮތުގައި "އުޅްތާ ޕަންޖާބު" އަކީ ހަމައެކަނި ހެރޮއިން އާއި ކޮކެއިން ފަދަ މަސްތުވާތަކެތި ބޭނުންކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. މަސްތުވާތަކެތި ބޭނުންކުރުމުން ހަށިގަނޑަށް ލިބޭ ބޮޑެތި ގެއްލުންތައް ވެސް މި ފިލްމުގައި ދައްކާ ކަމަށް އާލިއާ ބުންޏެވެ.
ކައިވެންޏެއް ކުރުމާ ދޭތެރޭ ޚިޔާލަކީ ކޮބައިތޯ ނޫސްވެރިން އާލިއާއާ ސުވާލުކުރުމުން ބުނީ އޭނާގެ އަޒުމަކީ އޮސްކާ އެވޯޑެއް ހޯދުން ކަމަށެވެ.
"ގިނަ އަންހެންކުދިން ކައިވެންޏަކަށް ކުރާ އުންމީދު އަހަރެން ކުރަނީ އޮސްކާއަކަށް،" އާލިއާ ބުނެފައިވެ އެވެ.
"އުޅްތާ ޕަންޖާބު" އަށް ސެންސަރު ބޯޑުން ވަރަށް ގިނަ މައްސަލަތައް މިހާރު ކުރިމަތިވެފައިވެ އެވެ. ފިލްމަށް 18 އަހަރުން މަތީގެ ބޮޑެތި މީހުން ބަލާ ފިލްމެއްގެ ސެޓްފިކެޓް ދޫކުރަން ވެސް މިހާތަނަށް ސެންސަރު ބޯޑުން އެއްބަހެއް ނުވެ އެވެ.
ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދީފި ނަމަ މިމަހުގެ 17 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ އެވެ.