ގަވައިދާ ހިލާފުވެގެން ވަކީލު ދެމަފިރިއަކަށް ބޮޑު ޖޫރިމަނާއެއް
ގަވައިދާ ހިލާފުވެގެން ވަކީލު ދެމަފިރިއަކަށް ބޮޑު ޖޫރިމަނާއެއް

ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ނެތި، ބާ ކައުންސިލުން ގާނޫނީ ވަކީލް ޒުންނަވާރު ސަލީމްގެ އަނބިކަނބަލުން މެހެނާޒު ހުސެއިން އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީގެ ހުއްދައިގެ ސިއްކަ ބޭނުންކޮށްގެން އުސޫލުތަކާއި ގަވައިދާ ހިލާފުވެފައި ވާތީ 100،000ރ. އިން ޖޫރިމަނާކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ފޭކް ސެޓްފިކެޓްތަކެއް ހުށަހަޅައިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދި މައްސަލަ ވެސް ކުރިން ޖެހުނު ޒުންނަވާރު ވަނީ މެހެނާޒުގެ ޕަބްލިކް ނޯޓަރީ ޕާމިޓްގެ ސިއްކަ ބޭނުންކޮށް، އަމިއްލަ ދެ ކުންފުންޏެއްގެ މެދުގައި ހެދި އެއްބަސްވުމެއް ނޯޓަރައިޒްކޮށްދީފައި ކަމަށް ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުންޏެވެ. އަދި އެ ސިއްކާގައި މެހެނާޒު ސޮއިކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ޒުންނަވާރު، 50،000ރ. އިން ޖޫރިމަނާކުރަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ބާ ކައުންސިލުން ބުނީ އެ އަމަލަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފު، އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުބާރު ގެއްލޭ ފަދަ އަމަލެއް ކަމަށެވެ. އަދި ނަޒާހާތްތެރިވުމުގެ އުސޫލާ ވެސް ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ އެ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ މައްސަލައެއް ކަމުން، އެ މައްސަލަތައް ކަމާބެހޭ އިޖުރާއަތުގެ ދަށުން ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.

މެހެނާޒުގެ މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބާ ކައުންސިލުން ބުނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ގާނޫނީ ވަކީލަކީ ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާން ކުރި ނަމަވެސް އޭނާ އެ އުސޫލާ ހިލާފުވެފައިވާ ކަމަށެވެ. އަދި ނޯޓަރައިޒްކޮށްދޭ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މައުލޫމާތު ވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ.

ބާ ކައުންސިލުން ބުނީ، އެ ކައުންސިލުން މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ހިދުމަތް ދީފައިވާ ކަމަށެވެ. އެއީ ގާނޫނީ ފަންނުގެ ގާނޫނާއި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާ ހިލާފަށް ކަމަކަށް ވާތީ އޭނާ ވެސް ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އޭނާއަށް ދޫކުރި ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފަހައްޓައި މައްސަލަ ބަލަން ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ކުއްލި ޖަލްސާއެއްގައި ވަނީ ނިންމައިފަ އެވެ.

ޒުންނަވާރު ފޭކް ސެޓްފިކެޓްތަކެއް ހުށަހެޅި 2013 ވަނަ އަހަރު އޭސީސީން ކުރި ތަހުގީގަކުން އެކަން ފަޅާއެޅި އިރު އޭނާ ވަނީ ގާނޫނީ ވަކީލަކަށް ވުމަށް ސައްހަނޫން ބެޗެލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހަޅައިފަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ތެރޭގައި އޭނާ ވަނީ ގާނޫނީ ދާއިރާއިން ކިޔެވުމަށް ފަހު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފަ އެވެ.