އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅެން އިތުރު ހިތްވަރެއް ލިބޭ
އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅެން އިތުރު ހިތްވަރެއް ލިބޭ

ގަޑާންސްކް، ޕޮލެންޑް (26 މެއި) - އިނގިރޭސި ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހުމުން، ހާއްސަ މޯޓިވޭޝަނެއް އުފެދޭ ކަމަށް، ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ވިޔަރެއާލްގެ ކޯޗް އުނައި އެމެރީ ބުނެފި އެވެ.

އާސެނަލްގައި 18 މަސް ވަންދެން ހޭދަކުރި ކޯޗް އެ ޓީމުން ވަކިކުރީ 2019 ގަ އެވެ. އެމެރީ ބުނީ އިނގިރޭސި ޓީމުތަކާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހެއް އޭނާގެ ނެތް ކަމަށެވެ.

"އަހަރެން ކުރާނެ ކަމަކީ ވިޔަރެއާލްއަށް ކާމިޔާބު ލިބެން ހުރި ގޮތަކަށް ކަންތައްތައް ކުރެވޭތޯ ބެލުން،" އާސެނަލް ގޮވައިގެން ވެސް ޔޫރޮޕާ ލީގުގެ ފައިނަލަށް ނުކުތް އެމެރީ ބުންޏެވެ.

"މި މުބާރާތް ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިފި. މިހާރު މި މުބާރާތުގައި ވެސް މި އޮންނަނީ އެންމެ ވަރުގަދަ ޓީމުތައް. ވިޔަރެއާލްއަށް ކާމިޔާބު ލިބިފައި ނެތަސް އެ ޓީމުތަކުގެ ތެރޭގައި ވިޔަރެއާލްވެސް ހިމެނޭނެ."

ޔޫރަޕްގެ ފައިނަލަކަށް ވިޔަރެއާލް ނުކުންނަނީ މުޅިން އަލަށެވެ. އަދި އެ މުބާރާތް ކާމިޔާބުކޮށްފި ނަމަ އެ ޓީމުން ހޯދާ ފުރަތަމަ ތައްޓަށް ވެސް އެ ކާމިޔާބީ ވާނެ އެވެ.

ސެވިއްޔާއާ އެކު ޔޫރޮޕާ ލީގު ތިން ފަހަރު ހޯދި އެމެރީ އަކީ ޔޫރޮޕާ ލީގުގެ އެކްސްޕާޓެކެވެ. އަނެއް ކޮޅުން މިރޭ އޭނާގެ ޓީމާ ދެކޮޅަށް ނުކުންނަ ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ އަކީ ވެސް ކުޅުންތެރިޔެއްގެ ގޮތުގައި ޔޫރަޕްގެ ފައިނަލުތައް ކާމިޔާބު ކުރުމުގައި ތަޖުރިބާ ބޮޑު ކޯޗެކެވެ.

ޗެމްޕިއަންސް ލީގުގެ 1999 ގެ ފައިނަލުގައިި ބަޔާން މިޔުނިކާ ދެކޮޅަށް ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބު ސޮލްސަޔާ އެވެ. މިރޭގެ ފައިނަލަކީ ކޯޗެއްގެ ގޮތުގައި ޔުނައިޓެޑް ގޮވައިގެން އޭނާ ނުކުންނަ ޔޫރަޕްގެ ފުރަތަމަ ފައިނަލެވެ.

މިދިޔަ އަހަރު ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ސެވިއްޔާ އަތުން ޔުނައިޓެޑް ވީ ބައްޔަކީ ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ހަވާލުވި ފަހުން، ނާކާމިޔާބު ވި ހަތަރު ސެމީ ފައިނަލުގެ ތެރެއިން ތިން ވަނަ ސެމީ ފައިނަލެވެ. ކޯޗެއްގެ ގޮތުގައި އޭނާ ކުރިމަތިލާ ޔޫރަޕްގެ ފުރަތަމަ ފައިނަލްގެ ބޮޑުކަން އޭނާވެސް ފާހަގަ ކުރެ އެވެ.

"މިއީ އަހަރެމެންނަށް ވަރަށް ބޮޑު ރެއެއް، ޕޮލެންޑްގެ ގަޑާންސްކްގައި މިރޭ ކުޅޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ސޮލްސަޔާ ބުންޏެވެ.

"މީ ވެދާނެ ކުރިމަގުގައި އަހަރެމެންގެ ޓީމުން ވާސިލުވާން އޮތް ހިސާބަށް ދާން އަޅާ ފުރަތަމަ ފިޔަވަޅު ކަމަށްވެސް. ސަބަބަކީ މީ ވަރަށް ޒުވާން ޓީމެއް. މީ މިދިޔަ ދެތިން އަހަރުތެރޭ އަހަރެމެން އަލުން ބިނާ ކުރާ ޓީމެއް. އެހެންވީމަ މިރޭގެ ފައިނަލު ވެދާނެ ކުރިމަގުގައި އަހަރެމެންނަށް ލިބޭނެ ކާމިޔަބުގެ ފެށުމަށްވެސް."

މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރު އެވެ.