26 މެއި 2021 - 00:21

މިދިޔަ އަހަރެކޭ އެއްގޮތަށް ވިޔަފާރިތަކަށް ކޮވިޑް-19ގެ ރިލީފް ލޯނު ދޭން އަނެއްކާ ވެސް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އަދި މީގެ ތެރެއިން އެންމެ ބޮޑު ދަތިތަކެއް ދިމާވާނީ ވިޔަފާރިވެރިންނަށް ކަމަށާއި އެހެންކަމުން ވިޔަފާރިވެރިންނަށް އެހީވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ވަރަށް އަވަހަށް ރިލީފް ލޯނުގެ، ލުއި ލޯނުތަކެއް ދޫކުރަން ފަށާނެ ކަމަށެވެ. މި ލޯނުތައް ދޫކުރަނީ ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ޖިމް އަދި ސެލޫން ފަދަ ކުދި ވިޔަފާރިތަކަށެވެ.
"ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރެކޭ އެއްގޮތަށް ސޮފްޓް ލޯނުތަކެއް ދިނުމަށް ވަރަށް އަވަަހަށް އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ކުދި ވިޔަފާރިތަކަށް ލުއި ލޯނުތައް ދޫކުރުމުގެ އިތުރުން ސްޓިމިޔުލަސް އިކޮނޮމިކް ޕެކޭޖުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް އަނެއްކާ ވެސް ވިޔަފާރިތަކަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ރައީސް ވިދާޅުވީ މި ލޯނުތަކަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން ދޭ 20 މިލިއަން ޔޫރޯ (375 މިލިއަން ރުފިޔާ)ގެ ފެސިލިޓީގެ ދަށުން ދޫކުރަން ނިންމަވާފައިވާ ލޯނުތަކެއް ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި މި ލޯނު ފެސިލިޓީ އަންނަ މަހު ހަމަޖެހޭނެ އެވެ.
"އިރާދަ ކުރެއްވިއްޔާ ޖޫން މަހުގެ ތެރޭގައި ސްޓިމިޔުލަސް ލޯނުގެ ކަންކަން ފެށިގެންދާނެ. ވިހި މިލިއަން ޔޫރޯގެ ފެސިލިޓީއެއް މިހާރު މިދަނީ ހަމަޖެހެމުން،" ރައީސް ވިދާޅުވި އެވެ.
އީއައިބީ އިން ވަނީ މިދިޔަ އަހަރު ވެސް ރާއްޖޭގެ ވިޔަފާރިތަކަށް އެހީވުމަށް 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ހަމަޖައްސައިފަ އެވެ. މި ފެސިލިޓީގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިތަކަށް ވަނީ ލޯނުތައް ދޫކޮށްފަ އެވެ.
މިދިޔަ އަހަރު ސްޓިމިޔުލަސް ޕެކޭޖުގެ ދަށުން 3،000 އަށްވުރެ މަދު މުވައްޒަފުން މަސައްކަތް ކުރާ ހުރިހާ ބާވަތެއްގެ ކުންފުނިތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ. މި ލޯނުތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލިއިރު ފެސިލިޓީގެ އަދަދަށް ލޯނު ދޫކުރެވުމުން މި އަހަރުގެ މާޗު މަހު އެ ލޯނުތައް ދިނުން ވަނީ ހުއްޓާލައިފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް ރައީސް ވަނީ ވިޔަފާރިތަކުގެ އަންނަ މަހުގެ ކަރަންޓު ބިލާއި ފެން ބިލުގެ 20 ޕަސެންޓު މާފުކޮށްދިނުމަށް ނިންމަވައިފަ އެވެ.