25 މެއި 2021 - 19:53

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ތެރެއިން ހައްޔަރުކުރި ބައެއް މީހުންނާއި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް މި ފަހުން ހައްޔަރުކުރި އެތައް ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ތަހުގީގު ޓީމުގެ ވެރިޔަކަށް ހުންނަވާ އެސިސްޓެންޓް ކޮމިޝަނަ އޮފް މުހައްމަދު ރިޔާޒާއި އެ ޓީމުގެ އެތައް ފުލުހުންނެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން ފެށިގެން ރިޔާޒް ހުންނެވީ އައިސޮލޭޝަންގައި ފުލުސް އޮފީހުގަ އެވެ. ރިޔާޒްގެ އިތުރުން ތަހުގީގު ޓީމުގައި އިސްކޮށް އުޅުއްވާ އެހެން ބައެއް ފުލުހުންނާއި ފޮރެންސިކް ޓީމުގެ ބައެއް މެންބަރުންނާއި ބަލައި ފާސްކުރާ ޓީމުތަކުގެ ބައެއް އޮފިސަރުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ފުލުހުން އޮފީހުން ބުނީ ހައްޔަރުކުރި ބައެއް މީހުންނާއި ތަހުގީގު ޓީމުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް ތަހުގީގަށް ހުއްޓުމެއް ނައިސް ކުރިއަށްދާ ކަމަށެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ މިހާރު ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން 450 ފުލުހަކު އެކި ގޮތްގޮތުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ތަހުގީގެކެވެ. މި ޓީމުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ އެ އޮފިސަރުން ގެންދަނީ ރިޕްލޭސްކުރަމުންނެވެ.
ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް ހަތަރު މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރި އިރު ވެސް ކޮވިޑަށް ޕޮޒިޓިވް އެވެ. ފުލުހުން ހިންގި ބައެއް އޮޕަރޭޝަންތަކުގައި މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ވެސް ފުލުހުން ޕީޕީއީގައި އުޅެނިކޮށް ވެސް ފެނިފައިވެ އެވެ.
މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯއްދަވައިފަ އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ރަނގަޅުވެ އަލުން މަސައްކަތަށް ނުކުންނަވައިފަ އެވެ.
މުޅި ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައި ވާއިރު ފުލުހުންގެ އިތުރުން ސިފައިންގެ ތެރެއިން ވެސް އެތައް ބަޔަކަށް ކޮވިޑް ޖެހި މިހާރު ވެސް އައިސޮލޭޝަންގައި އެބަ ތިއްބެވެ. ކޮވިޑްގެ ކޭސްތައް ގިނަވެ ބައެއް އޮފީސްތަކުގައި މަސައްކަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.