20 ނޮވެމްބަރ 2016 - 11:23

ފުޓްބޯޅަ އެސޯސިއޭޝަނުގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމް ފުރުއްވާފައިވާ ހުސެއިން ޖަވާޒް ހަމަޖައްސައިފި އެވެ.
މިއަދު ހެނދުނު އަލަށް އިންތިހާބުވި އެގްޒެކެޓިވް ކޮމިޓީން އެ މަގާމަށް ޖަވާޒް ހަމަޖައްސާފައިވާކަން ވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާންކޮށްފަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެ މަގާމަށް ޖަވާޒް އައްޔަންކުރީ އެކްސްކޯގެ އަގުލަބިއްޔަތުން ކަމަށާއި އޭނާ އަކީ ފުޓްބޯޅައިގެ ހުރިހާ ދާއިރާއެއްގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމަށެެވެ.
އެފްއޭއެމުގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޖަވާ ވަނީ އިލްހާމް އަހުމަދުގެ ދައުރުގައި ދުވަސްކޮޅަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް ފުރުއްވައިފަ އެވެ. އޭގެ ފަހުން ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރުގައި ވެސް އެފްއޭއެމްގައި އިސް މަގާމްތަކެއް ފުރުއްވިއިރު އެންމެ ފަހުން ހުންނެވީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރުގެ މަގާމުގަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމް އަދާކުރައްވައިވާ ބޭފުޅުންގެ ތެރޭގައި މިހާރުގެ ރައީސް ބައްސާމާއި މުހައްމަދު އާދަމާއި މުހައްމަދު ޝާހިދާއި ޝާހު އިސްމާއިލާއި އިބްރާހިމް އިސްމާއިލުގެ އިތުރުން ހާމިދު އަބްދުލްގަފޫރު ހިމެނެ އެވެ.