މާދަމާ އިން ފެށިގެން ބޭންކުތައް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތިދުވަހު
މާދަމާ އިން ފެށިގެން ބޭންކުތައް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތިދުވަހު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު މާދަމާ އިން ފެށިގެން ލޮކްޑައުން ކުރުމާއެކު، ބޭންކުތަކުން ދެން ހިދުމަތް ދޭނީ ހަފުތާއަކު ތިން ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކަނޑައަޅައިފި އެވެ. އަންނަ މަހުގެ 10 އާ ހަމައަށް ބޭންކުތަކުން އަމަލުކުރާނީ އެ ނިންމުމަށެވެ.

އެމްއެމްއޭ އިން ނެރުނު އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން އެ އިދާރާ އާއި ބޭންކުތައް ހުޅުވޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.

މި މުއްދަތުގައި އެމްއެމްއޭ އިން ބޭންކިންގެ ހިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. މީހގެ ތެރެއިން ބޭންކިންގެ ހިދުމަތް ދޭނީ އެޕޮއިންޓްމެންޓު އުސޫލުންނެވެ.

އެމްއެމްއޭއިން ބޭންކުތައް ހުޅުވާ ދުވަސްތަކާއި ވަގުތުތައް ބަދަލުކޮށްފައިވަނީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އެޗްޕީއޭއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާތީ އެވެ. މާދަމާއިން ފެށިގެން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބޭރަށް ނުކުމެވެ އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަންޏެވެ. އެހެން ވަގުތުތަކުގައި ކާފިއު ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. ކާފިއު ގަޑީގައި ބޭރުގައި އުޅުން މަނަލެވެ.

ކާފިއު ނޫން ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅެން ކޮންމެ ގެއަކަށް ދެ ޕާމިޓް ދޫކުރާނެ އެވެ. މި ޕާމިޓްތަކަށް އެދި ޕޮލިސް ޕޯޓަލް އިން ހުށަހެޅޭނެ އެވެ.